އުއްމީދުކުރި ވަރަށްވުރެ އަވަހަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް ނޭމާ ފިޓްވާނެ ކަމަށް ބްރެޒިލްގެ ގައުމީ ޓީމުން ބުނެފިއެވެ.
ނޭމާއަށް އަނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި އަނިޔާވެގެން އޭނާ އަށިގަނޑުގައި ބޭލި ނަމަވެސް ޕީއެސްޖީއިން 3-0 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި އޭނާގެ ކުޑަހުޅާއި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުނެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް މިހާރު އޭނާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.
ބްރެޒިލްގެ ފިޓްނެސް ކޯޗު ފަބިއޯ މަސެރިއަން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނީ ނޭމާގެ ރިކަވަރީގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް އަދިވެސް ބޭނުންވަނީ އިތުރަށް އޭނާގެ ރިކަވަރީގެ ކަންކަން އަވަސްކުރަން ކަމަށެވެ. ނޭމާއަކީ ވަރަށް ފުރިހަމަ އެތުލީޓެއް ކަމަށާއި އޭނާ އަންނަނީ އުއްމީދުކުރި ވަރަށްވުރެ މާ އަވަހަށް ރަނގަޅުވަމުން ކަމަށް ފަބިއޯ ބުނެފައިވެއެވެ.
އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުގައި ނޭމާ ސާޖަރީއެއް ފުރިހަމަކުރިއިރު އޭނާ ވަނީ ސީޒަން ނިމުމުގެ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ވެސް ނުކުމެފައެވެ. އެހެން ނަމަވެސް އޭނާއަށް އެއްވެސް މެޗެއްގައި ކުޅެވިފައިނުވާއިރު އޭނާ ވަނީ މި ނިމުނު ސީޒަނުގައި ފްރާންސްގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.
ވޯލްޑް ކަޕް ހުޅުވުމުގެ ކުރިން ކްރޮއޭޝިއާ އަދި އޮސްޓްރީއާ ދެކޮޅަށް ބްރެޒިލް އެކުވެރި ކަމުގެ މެޗުތަކެއް ވެސް ކުޅެނޭއެވެ. މި އެކުވަރިކަމުގެ މެޗުތަކުގައި ނޭމާ ފެންނާނެ ކަމަށް ނުބެލެވޭއިރު ބްރެޒިލްގެ ކޯޗު ޓީޓޭ ނެގި ސްކޮޑުން ނޭމާއަށް ވަނީ ފުރުސަތު ދީފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ފެވަރިޓުންގެ ގޮތުގައި ބްރެޒިލް ދާއިރު އެ ޓީމުގައި ނޭމާ ހުރުން ވެގެންދާނީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުކަމަކަށެވެ.