ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 18:38
މެނުއެލް ނޯޔާ
މެނުއެލް ނޯޔާ
ގޫގުލް
މެނުއެލް ނޯޔާ
ލޯ ހުރީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދުގައި
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވޭ
ޕްރެލިމިނަރީ ސްކޮޑްގައި ނޯޔާ ވަނީ ހިމަނާފައި

މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާއަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފިއެވެ. 

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޯޔާ ވަނީ ފައިގެ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ. ނޯޔާގެ ފައިގެ ކައްޓަށް ގެއްލުން ވެފައިވާ ކަމަށް ބަޔާންގެ ޑޮކްޓަރުން ބުނިއިރު މި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި ސީޒަނުގައި ބަޔާން ކުޅުނު އެންމެ ފަހު މެޗުގައި ވެސް ނޯޔާއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. 

އެހެން ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ގެންދާ ޖަރުމަނުގެ ސްކޮޑް ފައިނަލް ކުރުމުގެ ކުރިން ނެގި 27 ކުޅުންތެރިން ޕްރެލިމިނަރީ ސްކޮޑުން ނޯޔާއަށް ވަނީ ފުރުސަތު ދީފައެވެ. އޭނާގެ އިތުރުން ލޯ ނެގި ކީޕަރުންގެ ތެރޭގައި ހިމެނެނީ ބަޔާ ލެވަކޫސެންގެ ކީޕަރު ބަނާޑް ލީނޯ އާއި ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓަރ ސްޓީޖެންގެ އިތުރުން ޕީއެސްޖީގެ ކެވިން ޓްރެޕްއެވެ. 

ނޯޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލޯ ބުނީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށާއި އެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ލޯ ބުނީ ބަޔާންއާއެކު ނޯޔާ ފަރިތަކުރަމުންދާތާ ދެ ހަފްތާ ވެފައިވާ ކަމަށާއި އެހެންކަމުން ޖަރުމަނުގެ ޓީމުން ގެންދާ ފަރިތަކުރުންތަކުގައި ވެސް އޭނާއަށް ކުރިއެރުން ލިބުމެން އަންނަ ކަމަށެވެ. ލޯ ބުނީ ޓީމުގައި އޭނާއަށް އޮތް ޒިންމާ ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށާއި އެހެންކަމުން ޓީމާއެކު ވޯލްޑް ކަޕަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެ ކަމަށެވެ. ލޯ ބުނީ ކެޕްޓަނެއްގެ ގޮތުގައި ބެންޗުގައި އިންނަން ނޯޔާ ވޯލްޑް ކަޕަށް ނުދާނެ ކަމަށާއި އޭނާ ވޯލްޑް ކަޕަށް ދާނީ 100 އިންސައްތަ ގެރެންޓީއާއެކު ކުޅެވޭނެ ޔަގީންކަމާއެކު ކަމަށެވެ. 

ޖަރުމަނުގެ ގައުމީ ޓީމުގައި ނޯޔާގެ މަގާމު މިހާރު ފުރަމުން އަންނަނީ ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެ ޓީމަށް މުބާރާތް ކާމިޔާބުކުރެވުނީ ނޯޔާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވެސް ހޮވުނީ ނޯޔާއެވެ. 

 

- ކޮމެންޓް