ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 18:38
އިނިއެސްޓާ ވިސެލް ކޯބޭގެ ޖާޒީ ހިފަހައްޓާލައިގެން
އިނިއެސްޓާ ވިސެލް ކޯބޭގެ ޖާޒީ ހިފަހައްޓާލައިގެން
އޭޕީ
އަންދްރޭސް އިނިއެސްޓާ
އިނިއެސްޓާ ޖަޕާންގެ ވިސެލް ކޯބޭއަށް
އިނިއެސްޓާ ސޮއިކޮށްފައިވަނީ އަހަރަކު 30 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައި
އިނިއެސްޓާ އެ ޓީމުގައި ބޭނުންކުރާނީ އޭނާގެ ރަސްމީ ނަމްބަރު ކަމަށްވާ އަށް ނަމްބަރު ޖާޒީ
އިނިއެސްޓާ 16 ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން އިއުލާންކުރީ އެޕްރީލް މަހުގެ ތެރޭގައި

ސްޕެއިންގެ ބާސެލޯނާއާއެކު ކާމިޔާބު 16 ސީޒަން ހޭދަކުރުމަށްފަހު އެ ޓީމު ދޫކޮށްލުމަށްފަހު އަންދްރޭސް އިނިއެސްޓާ ޖަޕާން ލީގުގައި ކުޅެމުން އަންނަ ވިސެލް ކޯބޭއަށް ބަދަލުވެއްޖެއެވެ. 

އިނިއެސްޓާގެ އިތުރުން އާސެނަލް އަދި ގަލަޓަސަރޭއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ލޫކަސް ޕޮޑޯލްސްކީ ވެސް ކުޅެމުން އަންނަނީ އެ ޓީމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އިނިއެސްޓާ ސޮއިކޮށްފައިވަނީ އަހަރަކު 30 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގައެވެ. އިނިއެސްޓާ އެ ޓީމުގައި ބޭނުންކުރާނީ އޭނާގެ ރަސްމީ ނަމްބަރު ކަމަށްވާ އަށް ނަމްބަރު ޖާޒީއެވެ. ވިސެލް ކޯބޭ މިވަގުތު އޮތީ ޖަޕާން ލީގުގެ ހަވަނައިގައެވެ. މިދިޔަ ސީޒަން އެ ޓީމު ނިންމާލީ ނުވަވަނައިގައި އޮވެގެންނެވެ. 

ވިސެލް ކޯބޭއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ ވަރަށް ގިނަ ކްލަބްތަކަކުން އޭނާއަށް ހުށަހެޅުން ލިބުނު ކަމަށާއި އެހެން ނަމަވެސް ވިސެލް ކޯބޭއާ ގުޅުނީ އެ ޓީމުގެ ޕޮރްޖެކްޓަކީ ވަރަށް ކަމުދާ ޕްރޮޖެކްޓަކަށް ވުމާއެކު ކަމަށެވެ. އޭނާ ބުނީ އެ ޓީމުން އޭނާއަށް ވަރަށް ބޮޑު އިތުބާރެއް ކުޅުންތެރިޔެއްގެ ގޮތުންނާއި މީހެއްގެ ގޮތުން ކުރި ކަމަށާއި އެއީ އެޓީމާއި ގުޅުމަށް ނިންމި އެންމެ ބޮޑު ސަބަބު ކަމަށެވެ. 

އެޓީމުގެ އޯނަރު ކަމަށްވާ ހިރޮޝީ މިކިޓާނީ ބުނީ އިނިއެސްޓާގެ ތަޖުރިބާ އާއި ލީޑަރޝިޕްގެ ދަށުން އެ ޓީމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަދި ޖަޕާންގެ ފުޓްބޯޅައަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އޭނާ ބުނީ އިނިއެސްޓާގެ އެހީތެރިކަމާއެކު ޒުވާން ކުޅުންތެރިން ތަމްރީންވެގެންދާނެ ކަމަށާއި އޭނާގެ އެހީތެރިކަމާއެކު އޭޝިއާގެ ފުޓްބޯޅައަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިކިޓާނީ ބުނެފައިވެއެވެ. އޭނާ ބުނީ އިނިއެސްޓާއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށާއި މިއީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. 

އިނިއެސްޓާ 16 ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން އިއުލާންކުރީ އެޕްރީލް މަހުގެ ތެރޭގައެވެ. ބާސާ ދޫކޮށްލުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ  ދުނިޔޭގެ އެންމެ މޮޅު ޓީމުގައި 22 އަހަރު ހޭދަކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. 

އިނިއެސްޓާއަކީ 669 މެޗާއިއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 57 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ.

އިނިއެސްޓާ ބާސާއާއި ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 32 ތައްޓާއެކު ބާސާގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން ނުވަ ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

ނިމިގެންދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާގެ އިތުރުން ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ. މިފަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އޭނާ ސްޕެއިން ވެސް ތަމްސީލުކުރާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް