މެންޗެސްޓާ ޔުނައިޓެޑްގެ ބަދަލު ކީޕަރު ސާޖިއޯ ރޮމޭރޯއަށް އަނިޔާވެ އޭނާއަށް ވޯލްޑް ކަޕް ގެއްލިއްޖެއެވެ.
އުމުރުން 31 އަހަރުގެ ގޯލްކީޕަރަކީ 2009 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރެވެ. އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ރަޝިއާގައި އޮންނަ ވޯލްޑް ކަޕް އޭނާއަށް ގެއްލިފައިވާއިރު ކަކުލުގެ ސާޖަރީއެއް އޭނާ ފުރިހަމަކުރަން ޖެހޭ ކަމަށް އާޖެންޓީނާގެ ގައުމީ ޓީމުން ވަނީ ބުނެފައެވެ. ރޮމޭރޯގެ ބަދަލުގައި އެޓީމަށް ނަގާފައިވަނީ މެކްސިކޯގެ ޓިގަރެސްއަށް ކުޅެމުން އަންނަ ނަހުއެލް ގުޒްމަންއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށްދާ އާޖެންޓީނާގެ 23 ކުޅުންތެރިންގެ ސްކޮޑްގައި ރޮމޭރޯ އެންމެ ފުރަތަމަ ހިމެނުނެވެ. އޭނާގެ އިތުރުން ކީޕަރުންގެ ގޮތުގައި ނެގީ ގައުމީ ޓީމަށް އެންމެ ދެ މެޗު ކުޅެފައިވާ ޗެލްސީގެ ވިލީ ކަބެޔާރޯގެ އިތުރުން ގައުމީ ޓީމަށް އެންމެ މެޗެއް ވެސް ކުޅެފައިނުވާ ރިވަރ ޕްލޭޓްގެ ޒުވާން ކީޕަރު ފްރޭންކޯ އަރްމާނީއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން 26 ވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ކުޅެފައެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. އެ މެޗުގައި ރޮމޭރޯ ރަނގަޅު ކުޅުމެއް ދެއްކިއިރު އާޖެންޓީނާއަށް ފައިނަލުގެ ޖާގައެއް ލިބުނީ ސެމީގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮމޭރޯ ދެއްކި މޮޅު ކުޅުމާއެކުއެވެ. އެ މެޗުގެ ޕެނަލްޓީ ޝޫޓުގައި ރޮމޭރޯ ޕެނަލްޓީ ވެސް ސޭވްކުރިއިރު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޮމޭރޯއެވެ.
ރޮމޭރޯ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 94 މެޗު ކުޅެދީފައެވެ. މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ކުޅެފައިވަނީ އެންމެ 10 މެޗެވެ.