ކ. މާލެ
|
22 މެއި 2018 | އަންގާރަ 20:28
ކޭން އިނގިރޭސި ޖާޒީގައި
ކޭން އިނގިރޭސި ޖާޒީގައި
ގޯލް.ކޮމް
އިނގިރޭސި ގައުމީ ޓީމް
އިނގިރޭސި ކެޕްޓަން ބޭންޑް ކޭންއަށް
ސައުތުގޭޓް ބުނީ އޭނާއަކީ އެ މަގާމަށް އެންމެ އެކަށޭނެ ކުޅުންތެރިޔާ ކަމަށް
ކޭން ވަނީ ކޮލިފައިން ބުރުތަކުގައި ފަސް ލަނޑު ޖަހާފައި

މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތުގެ ކެޕްޓަނެއްގެ ގޮތުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ހަމަޖައްސައިފިއެވެ.

ކެޕްޓަނެއްގެ ގޮތުގައި ކޭން ހަމަޖެއްސުމަށްފަހު ވާހަކަ ދައްކަމުން އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ އޭނާއަކީ އެ މަގާމަށް އެންމެ އެކަށޭނެ ކުޅުންތެރިޔާ ކަމަށެވެ. ކޭން އެންމެ ފުރަތަމަ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާފައިވަނީ މިދިޔަ އަހަރު ވޯލްޑް ކަޕްގެ ކޮލިފައިންގައި ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި އޭނާ އެ ޓީމަށް ލަނޑެއް ޖަހައިދިންއިރު އެ މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ސައުތުގޭޓް ބުނީ ކެޕްޓަނެއްގެ ހުންނަން ޖެހޭ ހުރިހާ ސިފައެއް ކޭންގެ ކިބައިގައި އެބަހުރި ކަމަށާއި އަދި ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔަކު ޓީމުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފާއިތުވެދިޔަ 18 މަސްދުވަސް ތެރޭ ޓީމު އެހެން ހަރުފަތަކަށް ގެންދެވޭނެ ފެންވަރު އެބަހުރިކަން ކޭން ދައްކާފައިވާ ކަމަށް ސައުތުގޭޓް ބުނެފައިވެއެވެ.

 ކޭން ބުނީ އޭނާ ހުރީ ވޯލްޑް ކަޕަށް ވަރަށް ކެތްމަދުވެފައި ކަމަށާއި ވޯލްޑް ކަޕްގައި ކެޕްޓަންކަން ކުރުން ވެގެންދާނީ ލިބޭ ވަރަށް ހާއްސަ ޝަރަފަކަށް ކަމަށެވެ. ކޭން ބުނީ އިނގިރޭސި ގައުމީ ޓީމަކީ އެޓޭކް ކުރާނެ ޓީމެއް ކަމަށާއި އުއްމީދަކީ ގިނަ ލަނޑުތަކެއް ޖެހުން ކަމަށެވެ. އޭގެތެރޭގައި އޭނާގެ ބޮޑު ހިއްސާއެއް ވެސް އޮންނަން ބޭނުންވާ ކަމަށް ކޭން ބުނެފައިވެއެވެ. އޭނާ ބުނީ އަބަދުވެސް ފޯކަސް ދެނީ ޓީމަށް ކަމަށާއި އެހެން ނަމަވެސް ފޯވާޑެއްގެ ހައިސިއްޔަތުން އަބަދުވެސް ރަން ބޫޓު ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ކޭން ބުނެފައިވެއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެރުތު ސައުތުގޭޓް އައްޔަނުކުރެވުނު ފަހުން އެ ޓީމުގެ ކެޕްޓަންކަން އެކި މެޗުތަކުގައި ކުރަމުން އަންނަނީ ތަފާތު ކުޅުންތެރިންނެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިނގިރޭސި ގައުމީ ޓީމުގެ ބޭންޑް އެޅި ކުޅުންތެރިންގެ ތެރޭގައި ވޭން ރޫނީ އާއި ޖޯޑަން ހެންޑަސްންއާއި ގެރީ ކޭހިލް އާއި ޖޯ ހާޓް އަދި އެރިކް ޑަޔާގެ އިތުރުން ހެރީ ކޭން ހިމެނެއެވެ. އެ ކުޅުންތެރިންގެ ތެރެއިން ކޭން ހަތަރު ފަހަރު ބޭންޑް އަޅާފައިވެއެވެ.

ރަޝިއާގައި މިއަހަރު އޮންނަ ވޯލްޑް ކަޕަށް އިނގިރޭސި ގައުމީ ޓީމު ކޮލިފައިވިއިރު ކޭން ވަނީ ކޮލިފައިން ބުރުތަކުގައި ފަސް ލަނޑު ޖަހާފައެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް ޕެނަމާ އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ސީގައެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 23 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ.

- ކޮމެންޓް