ކ. މާލެ
|
22 މެއި 2018 | އަންގާރަ 20:08
އާޖެންޓީނާގެ ޓީމު
އާޖެންޓީނާގެ ޓީމު
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
އިކާޑީ ބާކީކޮށް އާޖެންޓީނާގެ ސްކޮޑް އިއުލާނުކޮށްފި
އިކާޑީއަކީ މި ނިމުނު ސީޒަނުގެ އިޓާލިއަން ސެރީއޭގެ ރަން ބޫޓު ގެންދިޔަ ކުޅުންތެރިޔާ
މިފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވީ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ ތިންވަނަ ހޯދައިގެން

ނިމިގެންދިޔަ އިޓާލިއަން ސެރީއޭގައި އެންމެ ގިނަ ލަނޑު ޖެހި އިންޓަ މިލާންގެ ކެޕްޓަން މައުރޯ އިކާޑީ ބާކީކޮށް މިއަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ތަމްސީލުކުރާ ސްކޮޑް އިއުލާނުކޮށްފިއެވެ.

މި ސީޒަނުގައި އިޓަލީގެ ލީގުގައި ކުޅުނު 34 މެޗުގައި 29 ލަނޑު ޖެހި އިކާޑީއަށް އިޓަލީގެ ސްކޮޑުން ފުރުސަތު ދީފައިނުވާއިރު އޭނާގެ ބަދަލުގައި ނަގާފައިވަނީ ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިންއެވެ. މީގެކުރިން އާޖެންޓީނާގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރި އެވަޓަންގެ ޑިފެންޑަރު ރަމިރޯ ފުނޭސް މޯރީ ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. މިފަހަރުގެ ސްކޮޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ހަ ކުޅުންތެރިޔަކު ހިމަނާފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވީ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ ތިންވަނަ ހޯދައިގެންނެވެ. ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވީ ކޮލިފައިންގެ އެންމެ ފަހު މެޗުގައި ކެޕްޓަން ލިއޮނެލް މެސީ ހެދި ހެޓްރިކުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތް ނަމަވެސް އާޖެންޓީނާއަށް ކޮލިފައިންގައި ކުޅުނު 18 މެޗުގައި ޖެހުނީ އެންމެ 19 ލަނޑެވެ.

އާޖެންޓީނާއިން ނެގި 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ސާޖިއޯ ރޮމެރޯ (މެންޗެސްޓާ ޔުނައިޓެޑް)، ވިލީ ކަބެޔާރޯ (ޗެލްސީ)، ފްރޭންކޯ އަރްމާނީ (ރިވަރ ޕްލޭޓް)

ޑިފެންޑަރުން: ގެބްރިއެލް މާކާޑޯ (ސެވިއްޔާ)، ފެޑެރީކޯ ފަޒިއޯ (އޭއެސް ރޯމާ)، ނިކޮލަސް އޮޓަމެންޑީ (މެންޗެސްޓާ ސިޓީ)، މާކޯސް ރޯހޯ (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް ޓަގްލަފިކޯ (އަޔަކްސް)، ހަވިޔާ މަޝެރާނޯ (ހެބެއި ޗައިނާ ފޯޗޫން)، މާކޯސް އަކޫނާ (ސްޕޯޓިން ލިޒްބަން)، ކްރިސްޓިއަން އަންސަލްޑީ (ޓޮރީނޯ)

މިޑްފީލްޑަރުން: އެވަރ ބަނޭގާ (ސެވިއްޔާ)، ލޫކަސް ބިގްލިއާ (އޭސީ މިލާން)، އެންހެލް ޑިމަރިއާ، ޖިއޮވާނޯ ލޮސެލްސޯ (ޕީއެސްޖީ)، މެނުއެލް ލަންޒީނީ (ވެސްޓް ހަމް) ކްރިސްޓިއަން ޕަވޮން (ބޮކާ ޖޫނިއަރސް)، މެކްސިމިލިއާނޯ މެޒާ (އިންޑެޕެންޑިއެންޓޭ)، އެޑުއާޑޯ ސަލްވިއާ (ބެނެފީކާ)

ފޯވާޑުން: ލިއޮނެލް މެސީ (ބާސެލޯނާ)، ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ)، ގޮންޒާލޯ ހިގުއައިން، ޕައުލޯ ޑިބާލާ (ޔުވެންޓަސް)

މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 16 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން 26 ވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ ވަނީ ފައިނަލްގައި ކުޅެފައެވެ. އެފަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ލިއޮނެލް މެސީއަށް ގައުމީ ޓީމާއެކު ތަށްޓެއް ކާމިޔާބުކުރަން ލިބޭ ބޮޑު ފުރުސަތަކަށެވެ. ޗެމްޕިއަނުންގެ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕާއި އާޖެންޓީނާ ކުރިމަތިލާއިރު އެ ގައުމުން ވަނީ މީގެކުރިން ދެފަހަރެއްގެ މަތިން މި މުބާރަތުގެ ތަށި އުފުލާލާފައެވެ. އެއީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރު ބޭއްވި މުބާރާތްތަކެވެ.

- ކޮމެންޓް