ރޯދަ މަސް ފެށުމާއިއެކު މިފަހަރު އިވުނީ ވަރަށް ތަފާތު ޚަަބަރެކެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކާއްޓާއި، ގަބުޅިއާއި، ކުރުނބާ ވިއްކަން ފެށި ވާހަކައެވެ.
އަތުޖެހުނިއްޔާ ޖެހުނު އެއްޗެއް ވިއްކަން ފަށަން ވެމްކޯއިން ފެށިއިރު، އެކުންފުނީގެ ހަޤީޤީ މަސައްކަތް ރޯދަ މަސް ފެށުނުއިރު އޮތީ ބޮއްސުންލާފައެވެ. މާލޭގެ ގެތަކުން ކުނި އުކާލުން ހަމައެކަނި ރޭގަނޑު ގަޑިއަށް ހަދާލީ މާމޮޅު ސާރވޭއެއް ކޮށް، އޭގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށްވެއެވެ. މިއީ ކިހިނެއް ހެދި ސާރވޭއެއް ކަމެއް ނޭނގުނެވެ. މާލޭގައި ކާބޯތަކެއްޗާއި އާއްމު ކުނި ކޮންމެ ރޯދަ މަހަކު އުކާލާ މިންވަރު، ކުނި މެނޭޖްކުުރުމާއި ބެހޭ ކުންފުންޏަށް ނޭނގުނުކަން އެއީ ދެރަކަމެކެވެ. ނުވަތަ އެއީވެސް އެކުންފުންޏާއި ސަރުކާރު އެހެން ކުންފުނިތަކުންވެސް ހަދާ ފަދައިން ހަމައެކަނި ބޭރު ފުށުން ސާރވޭއެއްކޮށްލީމޭ ބުނަން މޮޅު ކަމެއް ކޮށްލި ކަމަކީތޯއެވެ؟
ވެމްކޯއަށް އެކުންފުންޏަށް ހަވާލުކުރެވިފައިވާ މެންޑޭޓްގައި ކުރަން ޖެހޭ ކަންކަން ނުކުރެވިގެން ރައްޔިތުން އަދިވެސް ތިބީ ރަތުގައެވެ. ޝަކުވާތައް ގިނަވެ، މީޑިއާތަކުން މެދުނުކެނޑި އެވާހަކަ ދައްކަން ފެށުމުން ދުވާލު ގަޑީގައިވެސް ކުނި އުކާލުމުގެ މަސައްކަތް ފެށިކަމަށް ބުނިނަމަވެސް، އަދިވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނާދެއެވެ. ވެމްކޯ އުފެދި، މަސައްކަތް ފެށިތާ 2 އަހަރަށްވުރެ ގިނަ ދުވަސްވީއިރު، އަދިވެސް މައްސަލައަށް ހައްލެއް ނައިސްގެން އުޅެނީ ކުންފުނީގައި އެޤާބިލްކަން ނެތިގެންތޯއެވެ؟
ކާއްޓާއި ތަރުކާރީ އާއި ތެލިތަށި ނުވިއްކައި، މެންޑޭޓްގައި ހަވާލުކޮށްފައިވާ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ކުރާނަމަ ކުންފުންޏަށް ފައިދާވެ، އާޚިރުގައި އެކުންފުންޏަކީ ދައުލަތަށް ފައިދާވާ ކުންފުންޏަކަށް ވާނެއެވެ. އަދި ހަމަގައިމުވެސް ކުންފުނީގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރާނަމަ މާލެތެރެ މާސާފުވާނެއެވެ. ވެމްކޯއިން ކުނި އުކާލިއްޔާ މާތާހިރުވާނެއޭ ބުނީ މަޖާޒީ ގޮތެއްގައެއް ނޫނެވެ. ހަމަހަޤީގަތުގައިވެސް އެމަސައްކަތަކީ މުހިއްމު މަސައްކަތަކަށްވާތީއެވެ. މިއީ ރަމަޟާން މަހަށްވެފައި، މިދުވަސްވަރަކީ ތަފާތު އެކި ބަލިތައްވެސް ފެތުރެމުންދާ ދުވަސްވަރަކަށްވުމުން، ވެމްކޯއިން ކާށި ވިއްކުމުގެ ބަދަލުގައި އެކުންފުނީގެ ހަޤީޤީ މަސައްކަތަށް ސަމާލުކަން ދިނުން މުހިއްމެވެ.
ވެމްކޯއިން ކާށި ވިއްކަން ފަށަމުން ދެއްކި ވާހަކައަށްވެސް ބަލާލަން އެބަޖެހެއެވެ. އެކުންފުނިން، ކުންފުނީގެ މެންޑޭޓުން ބޭރު މަސައްކަތެއް ކުރަން ފެށީ ބާޒާރުގައި ކާއްޓާއި، ކުރުނބާ އަދި ގަބުޅީގެ އަގު އުފުލުނަ ނުދިނުމަށްކަމަށް ބުނެއެވެ. ދެން މީހަކު ހައިރާނެއް ނުވާނެ ހެއްޔެވެ؟ ތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުގެ ބޮޑު ކުންފުންޏަކުން އުނގު ވިޔަފާރި ކުރަން ފެށިއިރު، އެކުންފުނިން ވިއްސަކަށް ކާށި ވިއްކައިގެން ކާށީގެ އަގު ކޮންޓްރޯލް ކުރެވޭނެ ހެއްޔެވެ؟ ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލު އަންނަނީ ސަޕްލައި އެންޑް ޑިމާންޑަށް ބުރަވެެގެންނެވެ. ކާއްޓާއި ކުރުނބާ ލިބޭނަމަ އަގު ހުންނާނީ ހުރިހާ ވިޔަފާރިވެރިން އެދޭ އަގެއްގައެވެ.
ވެމްކޯއިން އެފެށި މަސައްކަތުގެ ސަބަބުން ގެއްލުންވަނީ ބުރަ މަސައްކަތުން ރުކުގައި އޮންނަ ކާށި އަޅައިގެން، ދަތުރު ހަދާފައި މާލެއަށް އަންނަ ދަތުރުވެރިޔާއަށެވެ. ކުދިވިޔަފާރި ކުރިއަރުވަނީއޭ ސަރުކާރުން ބުނަނީ ކޮން ވިޔަފާރިއެއް ކުރިއަރުވާ ވާހަކައަށް ރިޢާޔަތްކޮށްތޯއެވެ؟
އާއްމު ރައްޔިތު މީހާއާއި، އާދައިގެ ވިޔަފާރި ވެރިޔާއަށް ޖެއްސުންކޮށް، މެންޑޭޓުން ބޭރުން ދެވަނަ ޕީއެސްއެމަށް ވާން ނޫޅެ، ވެމްކޯއިން ކުނި އުކާލިއްޔާ ހަމަ ހަޤީގަތުވެސް މާތާހިރުވާނެއެވެ.