ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 15:00
މިކެލް އާޓެޓާ
މިކެލް އާޓެޓާ
ގެޓީ އިމޭޖަސް
އާސެނަލްގެ ކޯޗުގެ މަގާމު
އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާން އާޓެޓާ އެއްބަސްވެއްޖެ
އޭނާ މިވަގުތު ފުރަމުން އަންނަނީ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމު
އާޓެޓާ އެ މަގާމަށް ގެނައުމަށް އާސެނަލްގެ ސީނިއާ މެނޭޖްމަންޓްއިން ބޭނުންވޭ
އޭނާއަކީ އެ ޓީމުގެ ކުރީގެ ކެޕްޓަނެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ އާސެނަލްގެ ކޯޗުގެ މަގާމައި އަންނަ ސީޒަނުގައި ހަވާލުވުމަށް އެ ޓީމަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު މިކެލް އާޓެޓާ އެއްބަސްވެއްޖެއެވެ.

އާސެނަލްގެ ކޯޗުގެ މަގާމަށް އެ ޓީމުން އައު ކޯޗަކު ހޯދަމުން އަންނަނީ އެ މަގާމުގައި ހުރި އާސެން ވެންގާ 22 އަހަރަށްފަހު އެ މަގާމު ދޫކޮށްލަން ނިންމުމާއި ގުޅިގެންނެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އާސެނަލްގެ ކޯޗުގެ މަގާމާއި އާޓެޓާ ހަވާލުވާނެއެވެ. އޭނާ މިވަގުތު ފުރަމުން އަންނަނީ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމެވެ. މި ސީޒަނުގައި އާޓެޓާ ވަނީ ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި ހުރެ އެ ޓީމަށް ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދީފައެވެ.

އާޓެޓާ އެ މަގާމަށް ގެނައުމަށް އާސެނަލްގެ ސީނިއާ މެނޭޖްމަންޓްގެ ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ޓީމުގެ ޗީފް އެގްޒެކްޓިވް އިވާން ގަޒިޑިސް ގަބޫލުކުރާ ގޮތުގައި 21 ވަނަ ގަރުނުގެ ފުޓްބޯޅައަށް އެންމެ ފިޓު ވާނީ ޒުވާން ކޯޗެކެވެ. ހަމައެހެންމެ އެ ޓީމުގެ ހެޑް އޮފް ރެކްރޫޓްމެންޓް ސްވެން މިސްލިންޓާޓް އަދި ހެޑް އޮފް ފުޓްބޯލް ރައުލް ސަންލޭހީ ވެސް އާޓެޓާ އެ މަގާމަށް ގެނައުމަށް ތާއީދުކުރެއެވެ.

އާޓެޓާ އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާއިރު އޭނާގެ ސްޓާފުންގެ ގޮތުގައި އާ މޫނުތަކެއް ވެސް ފެންނާނެ ކަމަށް ބެލެވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އާޓެޓާގެ އެސިސްޓަންޓެއްގެ ގޮތުގައި އޭނާ ގެންނާނީ އާސެނަލްއަށް މިހާރު ކުޅެމުން އަންނަ މިޑްފީލްޑަރު ސެންޓި ކަޒޯލާއެވެ. ހަމައެހެންމް ޔެންސް ލޭމަން އާއި ސްޓީވް ބޯލްޑް ވެސް އާޓެޓާގެ ޓީމުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އާޓެޓާ އެ މަގާމާއި ހަވާލުވާނެ ކަމަށް ބޮޑަށް ބެލެވެނީ އެ މަގާމަށް ކުރިން ގެންނަން އުޅުނު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އެ މަގާމާއި ހަވާލުނުވާނެކަން ކަށަވަރު ކޮށްދިނުމުންނެވެ. ހަމައެހެންމެ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ނުގެނައުމަށް ނިންމާފައިވަނީ އާސެނަލްގެ ސީނިއާ މެނޭޖްމަންޓުގައި ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ.

އާޓެޓާ ވަނީ އާސެނަލްއަށް އޭނާ ކުޅުނު 149 މެޗުގައި އެ ޓީމަށް 16 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ޓީމުގެ ކުރީގެ ކެޕްޓަނަކަށްވާއިރު އާޓެޓާ ކުޅުން ހުއްޓާލާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައެވެ.

- ކޮމެންޓް