ކ. މާލެ
|
16 މެއި 2018 | ބުދަ 23:24
ނިއު އަދި އައިޒޯލް ކުޅުނު މެޗުގެ ތެރެއިން
ނިއު އަދި އައިޒޯލް ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އޭއެފްސީ ކަޕް 2018
އައިޒޯލް އަތުން ބަލިވެ ނިއު މުބާރާތުން ކަޓައިފި
ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ނިއު ބަލިވީ 2-1 ގެ ނަތީޖާއަކުން
ނިއު ގްރޫޕް ސްޓޭޖް ނިންމާލީ ދެވަނައިގައި އޮވެގެން
މި ގްރޫޕުން ކޮލިފައިވީ އިންޑިއާގެ ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕްގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުން ކަޓައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ނިއު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ނިއު ކުރިމަތިލިއިރު ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އޮތީ އެ ޓީމުގެ އަތް މަތީގައެވެ. އެގޮތުން ދެވަނަ ބުރުގެ ޖާގައެއް ނިއުއަށް ލިބެން އޮތީ މި މެޗު ކާމިޔާބުކޮށްގެންނެވެ. ނުވަތަ ހަމަ މިއަދު ބެންގަލޫރު ކުޅުނު މެޗުން އެ ޓީމު ބަލިވެގެންނެވެ. މި ދެ ޓީމު މާލޭގައި ކުޅުނު މެޗު ވެސް 3-1 އިން ކާމިޔާބުކުރީ ނިއުއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމެއްގެ ފަރާތުން ލަނޑެއް ފެނިފައިނުވާއިރު މެޗުގެ ފުރަތަމަ ލަނޑު އައިޒޯލްއިން ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖަހައިދިނީ ލިއޯންސް ޑޯޑޯއެވެ. އެ ޓީމުން ވަނީ މެޗުގެ 82 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަންދްރޭ އޮނެސްކޫއެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޒުވާން ފޯވާޑް އިބްރާހިމް އަތީގް ވަނީ ނިއުއަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް އިތުރު ލަނޑުތަކެއް ޖެހުމަށް ނިއުއަށް ފުރުސަތުތަކެއް ލިބިގެންދިޔައިރު މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ.

ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށް ދާ ޓީމެއް އިންޓަ ޒޯން ސެމީ ފައިނަލަށް ކޮލިފައވާއިރު ނިއު ގްރޫޕް ސްޓޭޖް ނިންމާލީ ދެވަނައިގައި އޮވެގެންނެވެ. މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބެންގަލޫރު އެފްސީ ވަނީ 4-0 އިން ޑާކާ އަބްހާނީ ބަލިކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. މި މެޗާއި އައިޒޯލް ކުރިމަތިލީ ވެސް މުބާރާތުން ކަޓާފައި އޮތުމަށްފަހު ކަމަށްވާއިރު މިއީ މި މުބާރާތުގައި އެ ޓީމު ކާމިޔާބުކުރި ހަމައެކަނި މެޗު ވެސްމެއެވެ.

ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު އެއްވަނައިގައި ބެންގަލޫރު އޮތްއިރު ދެވަނައިގައި 12 ޕޮއިންޓާއެކު އޮތީ ނިއުއެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝްގެ ޑާކާ އަބްހާނީ އޮތްއިރު ހަތަރު ވަނައިގައި އޮތީ އައިޒޯލްއެވެ.

- ކޮމެންޓް