ކ. މާލެ
|
16 މެއި 2018 | ބުދަ 23:20
އެޑެން ހަޒާޑް
އެޑެން ހަޒާޑް
ސްކައި ނިއުސް
އެޑެން ހަޒާޑް
ހަޒާޑް ބޭނުންވަނީ ޗެލްސީއަށް މޮޅު ކުޅުންތެރިން ގެންނަން
ހަޒާޑަށް 300000 ޕައުންޑްގެ ކޮންޓްރެކްޓެއް ވަނީ ހުށަހަޅާފައި
ހަޒާޑް ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި

ޗެލްސީގައި މަޑުކުރާނީ އެ ޓީމުން ޓްރާންސްފާ މާކެޓުގައި ގެންނަ ކުޅުންތެރިންނަށް ބެލުމަށްފަހު ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

ޗެލްސީއިން އަންނަނީ ހަޒާޑް އެ ޓީމުގައި މަޑުކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޓީމުގައި އޭނާ އަންނަ ސީޒަނުގައި ވެސް ބެހެއްޓުމުގެ ގޮތުން ހަޒާޑަށް 300000 ޕައުންޑްގެ ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ކޮންޓްރެކްޓް ހަޒާޑް ގަބޫލްކޮށްފައިނުވާއިރު އަންނަ ސީޒަނުގައި ހަޒާޑް އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޗެލްސީއާއެކު ހަޒާޑް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރުއެވެ.

ހަޒާޑް ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް މަސައްކަތްކުރާއިރު އޭނާ ހޯދުމަށް މިފަހަރުގެ ޓްރާންސްފާގައި މެންޗެސްޓާ ސިޓީއިން ވެސް މަސައްކަތްކުރާނެ ކަމަށް ބެލެވެ. ހަޒާޑް ވަނީ އޭނާ އެހެން ޓީމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ހަޒާޑް ބުނީ އޭނާ މަޑުކުރަމުންދަނީ އައު ކުޅުންތެރިންނަށް ކަމަށާއި ބޭނުންވަނީ ޗެލްސީއަށް މޮޅު ކުޅުންތެރިން ގެންނަން ކަމަށެވެ. އޭނާ ބުނީ މޮޅު ކުޅުންތެރިން ގެންނަން ބޭނުންވަނީ ޕްރިމިއާ ލީގު ކާމިޔާބުކުރަން ބޭނުންވާތީ ކަމަށެވެ. އޭނާ ބުނީ އައު ކޮންޓްރެކްޓްގައި ސޮއިނުކޮށް މަޑުކުރަނީ އޭގައި ސޮއިކުރުމުގެ ކުރިން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރުމުން ކަމަށާއި އެހެން ނަމަވެސް ޗެލްސީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

މި ސީޒަނަށް ޗެމްޕިއަނުންގެ ގޮތުގައި ކުރިމަތިލި ޗެލްސީ މި ސީޒަން ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ގެއްލިފައިވާއިރު މި ސީޒަނުގައި ޗެލްސީއަށް ހަމައެކަނި ކާމިޔާބުކުރެވޭނީ އެފްއޭ ކަޕެވެ. އެފްއޭ ކަޕްގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ހަޒާޑް ފެންނާނެއެވެ.

ހަޒާޑް ބުނީ އެފްއޭ ކަޕްގެ ފައިނަލަކީ އޭނާއަށް ޗެލްސީއަށް ކުޅޭނެ އެންމެ ފަހު މެޗަށް ނުވާނެ ކަމަށާއި ވޯލްޑް ކަޕަށްފަހު ކުރިޔަށް އޮތް ސީޒަނަށް ވެސް އޭނާ ހުންނާނީ ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ މިވަގުތު ވިސްނަނީ ހަމައެކަނި ފައިނަލަށް ކަމަށާއި ސީޒަން ނިންމާލުމުގެ ކުރިން ޓީމަށް ތަށްޓެއް ދޭން ބޭނުންވާ ކަމަށެވެ. އެހެންކަމުން މި ތަށި ކާމިޔާބު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

ހަޒާޑް މިހެން ވާހަކަ ދައްކާފައިވާއިރު އޭނާ ވަނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ހުވަފެނެއް ކަމަށް ބުނެފައެވެ. ހަޒާޑް ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު ފްރާންސްގެ ލިލޭ ދޫކޮށްލުމަށްފަހުއެވެ.

 

- ކޮމެންޓް