އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ފުރުސަތު ގެއްލިއްޖެއެވެ.
ރަށުން ބޭރުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ޓޮޓެންހަމް އަތުން ބަލިވި ނިއުކާސަލްގެ ޓީމުން އެއް ބަދަލު ފެނިގެންދިޔައިރު ޗެލްސީގެ ފުރަތަމަ އެގާރައިން ވަނީ އަށް ބަދަލެއް ފެނިގެންގޮސްފައެވެ. އެގޮތުން ރޮސް ބާކްލީ އާއި އޮލިވިއާ ޖިރޫ އަދި އެޑެން ހަޒާޑް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން މި މެޗުގައި ފެނިގެންގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން ޗެލްސީގެ ފަރާތުން މާ އެދެވޭ ކުޅުމެ ފެނިގެންގޮސްފައިނުވާއިރު ނިއުކާސަލްގެ ކުޅުންތެރިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ޗެލްސީގެ ކީޕަރު ތީބައު ކޯޓުވާ ގިނަ ސޭވްތަކެއް ކުރަމުންދަނިކޮށް މެޗުގެ 23 ވަނަ މިނެޓުގައި އޭނާ ކޮޅަށް ނިއުކާސަލްގެ ފުރަތަމަ ލަނޑު ވައްދާލީ ޑްވައިޓް ގޭލްއެވެ. ޗެލްސީއަށް މި ލަނޑަށް ފަހުވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ނިއުކާސަލްގެ ކުޅުންތެރިން ވަނީ ފުލުފުލުގައި ޗެލްސީގެ ގޯލާއި އަމާޒުކޮށް ހަމަލާތައް ފޮނުވާލާފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުކާސަލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް ޗެލްސީގެ ކުޅުންތެރިންނަށް އެ ކުޅުންތެރިން އުފެއްދި ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ނިއުކާސަލްއިން ވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޔޯޒީ ޕެރޭޒްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާ ވަނީ އަނެއްކާ ވެސް އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މި މެޗުން ބަލިވުމާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަނުންގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި ޗެލްސީއަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައެވެ. އެ ޓީމު އަންނަ ސީޒަނުގައި ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގައެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބާންލީ ވަނީ 2-1 އިން ބޯންމައުތު އަތުން ބަލިވެފައެވެ. ކްރިސްޓަލް ޕެލަސް 2-0 އިން ވެސްޓް ބްރޮމް ބަލިކުރިއިރު އާސެނަލް ވެސް ވަނީ 1-0 އިން ހަޑާސްފީލްޑް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި 1-0 އިން ވޮޓްފޯޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއރު ސްޓޯކް ސިޓީ ވެސް ވަނީ 2-1 އިން ސްވަންސީ ބަލިކޮށްފައެވެ. ހަމައެހެންމެ ވެސްޓް ހަމް ވެސް ވަނީ 3-1 އިން އެވަޓަން ބަލިކޮށްފައެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ކުޅުނު 38 މެޗުން ލިބުނު 70 ޕޮއިންޓާއެކު ފަސްވަނައިގައި ޗެލްސީ އޮތްއިރު 44 ޕޮއިންޓާއެކު ނިއުކާސަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ.