ސްޕެނިޝް ލަލީގާގައި 400 ދުވަހަށްފަހު ފުރަތަމަ ފަހަރަށް ވަރުގަދަ ބާސެލޯނާ މެޗަކުން ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ ބަލިވީ 5-4 ގެ ނަތީޖާއަކުންނެވެ. ބާސާގެ ފުރަތަމަ އެގާރައިން ލިއޮނެލް މެސީއަށް ފުރުސަތު ދީފައިނުވާއިރު ސަސްޕެންޝަނުގެ ސަބަބުން ސާޖީ ރޮބާޓޯ ވެސް މި މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ. ހަމައެހެންމެ ލެވަންޓޭގެ ފުރަތަމަ އެގާރާގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވިފައެއް ނުވެއެވެ. މި މެޗާއި ބާސާއިން ކުރިމަތިލީ އެއްވެސް މެޗަކުން ބަލިނުވެ ލީގު ފުރިހަމަކުރުމަށް އެ ޓީމުން ކުރަމުންދިޔަ އުއްމީދުތައް ދެމެހެއްޓުމުގެ އުއްމީދުގައެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެވާންޓޭއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި މި ލަނޑު ޖަހައިދިނީ އެމާނުއެލް ބޯޓެންގްއެވެ. މި ލަނޑަށްފަހު ބާސާއިން މެޗުގެ ކޮންޓްރޯލް ނެގިއިރު ލަނޑު ޖެހުމަށް އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ލެވަންޓޭއިން ކައުންޓާގައި ނުރައްކާކުރަމުން ދަނިކޮށް ބޯޓެންގް ވަނީ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާފައެވެ. އެހެން ނަމަވެސް އޭގެ އަށް މިނެޓު ފަހުން ފިލިޕޭ ކުޓީނިއޯ ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބާސާއަށް ކުޑަކޮށްދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ލެވަންޓޭއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ފުލުފުލުގައި ދެ ލަނޑު ޖަހާ ބާސާ ސިއްސުވާލާފައެވެ. ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް އެނިސް ބާރްދީ ލަނޑެއް ޖެހިއިރު ބޯޓެންގް ވަނީ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ލެވަންޓޭގެ ފަސްވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބާރްދީއެވެ.
މި ލަނޑަށްފަހު ބާސާއިން އެޓޭކްތައް އިތުރުކުރިއިރު 59 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ ލަނޑެއް ޖަހާފައެވެ. އޭގެ ފަސް މިނެޓު ފަހުން ލަނޑެއް ޖަހާ ކުޓީނިއޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް ވަނީ ބާސާއަށް މެޗުގެ ނަތީޖާގެ ފަރަގު އިތުރަށް ކުޑަކޮށްދީފައެވެ. އެހެން ނަމަވެސް އެ ޓީމަށް މެޗުގެ ބާކީ ބައިގައި އިތުރު ލަނޑެއް ޖެހޭ ގޮތް ވެފައެއް ނުވެއެވެ.
މި މެޗުގައި ލެވަންޓޭއަށް ހެޓްރިކް ހަދައިދިން އެމާނުއެލް ބޯޓެންގް ވެގެންގޮސްފައިވަނީ 2005 ވަނަ އަހަރުގެ ފަހުން ބާސާ ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މި މެޗާއެކު ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބާސާއިން ދަމަހައްޓަމުން އަންނަ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. އެ ޓީމު އެންމެފަހުން ލަލީގާގައި ކުޅުނު މެޗަކުން ބަލިވެފައިވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު މަލާގާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި މެޗުން ބަލިވި ނަމަވެސް ލަލީގާގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު 37 މެޗުން ލިބުނު 90 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސާއެވެ. ލެވާންޓޭ އޮތީ 46 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.