އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗާއި މާޒިޔާއިން ކުރިމަތިލީ ލީގުގެ ކުރީގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކުރުމަށެވެ. ހަމައެހެންމެ ޓީސީ އަތުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވި މާޒިޔާއިން ނުކުތީ ބަދަލުކުރަންށެވެ. މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޓީސީގެ މިޑްފީލްޑަރު ޔާމީން އިބްރާހިމް (ޔާމްބެ) އަދި ބިދޭސީ ޑިފެންޑަރު އަލާ ނާސިރު ފެނިފައެއް ނުވެއެވެ. ހަމައެހެންމެ އަނިޔާގެ ސަބަބުން މާޒިޔާގެ ޓީމުން އިސްމާއިލް އީސާ (މެސީ) ވެސް ފެނިފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މާޒިޔާއިންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މި ހާފުގައި ޓީސީއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޒިޔާއިން ފުރަތަމަ ހާފު ނިންމާލިރިއިރު ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ސްޓެވާޓް ކޯނެލިއަސްއެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއްގައި ޓީސީގެ ބިދޭސީ ކުޅުންތެރިޔާ އެންޓޮލީ ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަކޮށްދީފައެވެ. ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އާރިފް (އާރީ) އެވެ.
ލީގުގައި ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު އެއްވަނައިގައި ނިއު އޮތްއިރު ދެވަނައިގައި 17 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ތިންވަނައިގައި އީގަލްސް އޮތްއިރު ހަތަރު ވަނައިގައި އޮތީ ޓީސީއެވެ.