ކ. މާލެ
|
13 މެއި 2018 | އާދީއްތަ 23:16
ރޮބާޓޯ މަންޗިނީ - އޭނާއަކީ ޔޫރަޕުގައި ތަޖުރިބާކާރު ކޯޗެއް
ރޮބާޓޯ މަންޗިނީ - އޭނާއަކީ ޔޫރަޕުގައި ތަޖުރިބާކާރު ކޯޗެއް
ގެޓީ އިމޭޖަސް
އިޓަލީގެ ގައުމީ ޓީމު
އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!
59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައި
އެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ ވަނީ އެ މަގާމުން ވަކިކޮށްފައި
މަންޗިނީ ވަނީ ކާމިޔާބު ސީޒަންތަކެއް ޔޫރަޕުގެ ބޮޑު ޓީމުތަކުގައި ހޭދަކޮށްފައި

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބަރގްގެ ކޯޗުގެ މަގާމުގައި ހުރި ކާމިޔާބު ކޯޗު ރޮބާޓޯ މަންޗިނީ އެ މަގާމު ދޫކޮށްލައިފިއެވެ.

އިޓަލީގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭރު ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމުންނެވެ. ކޮލިފައިންގެ ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުތަކުގައި އިޓަލީ ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާގެ ސަބަބުން 59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީއާއެކު އެއްބަސްވުމަކަށް ނާދެވުމާއެކު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ މަގާމަށް މަންޗިނީ ގެނައުމަށް ނިންމާފައެވެ.

ޒެނިތުގެ ރަސްމީ ވެބްސައިޓުގައި އެ ކްލަބްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މަންޗިނީގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާއާއެކު އެ ކްލަބްއިން ހަދާފައިވާ އެއްބަސްވުން އުވާލުމަށް ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށާއި އަދި ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން އެއްވެސް ފަރާތަކުން އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު މީޑިއާތަކުން ވަނީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު މަންޗިނީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން މަންޗީނީ އެ މަގާމަށް ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ އޭނާއަކީ އެ ގައުމަށް ނިސްބަތްވާ މީހަކަށްވުމާއެކު އޭނާއަކީ ކާމިޔާބު ގެނެވޭނެ ކޯޗެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގަބޫލުކުރެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޗިނީގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ މިހާތަނަށް ކުޅުނު ޒެނިތު އޮތީ ރަޝިއަން ޕްރިމިއާ ލީގުގެ ފަސް ވަނައިގައެވެ. އެ ޓީމަށް ލީގުގައި ބާކީ އަދި އެއް މެޗު އެބައޮތެވެ.

މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ގަލަޓަސަރޭ އަދި އިޓަލީގެ އިންޓަ މިލާނާއި ލާޒިއޯ އަދި ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާ ވެގެންދިޔައީ 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް އެ ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގެއް ހޯދައިދިން ކޯޗަށެވެ.

ވެންޗޫރާގެ ބަދަލުގައި އައު ކޯޗެއް އިޓަލީއިން ހޯދަމުން އަންނައިރު އެ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވޭޗިއޯ ބުނެފައިވަނީ ދެން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެންނަނީ ތަޖުރިބާކާރު އަދި ނަން މަޝްހޫރު ކޯޗެއް ކަމަށެވެ. މަންޗިނީ މި މަގާމާއި ހަވާލުވުމާއެކު އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން އެ ގައުމަށް ފުރުސަތު ހޯދައިދިނުމެވެ.

މަންޗިނީ އެ މަގާމާއި ހަވާލުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އޭނާގެ 17 އަހަރުގެ ކެރިއަރުގައި މަންޗިނީ ވަނީ އެކި ޓީމުތަކަށް 725 މެޗުގައި އިރުޝާދު ދީފައެވެ. އޭނާވަނީ މި ޓީމުތަކާއެކު 13 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް