އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް މި ސީޒަނުގައި އޭނާ ކުޅުނު 37 ޕްރިމިއާ ލީގު މެޗުގައި 31 ލަނޑު ޖަހާފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 34 މިލިއަން ޕައުންޑަށް އިޓަލީގެ ރޯމާ ދޫކޮށްލުމަށްފަހު ލިވަޕޫލްއާ ގުޅުނު ސަލާހު އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެއް ސީޒަނެއްގެ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނައިން ޖަހާފައިވަނީ 31 ލަނޑަށްވާއިރު ސީޒަނުގެ އެންމެ ފަހު މެޗުގައި މި ރެކޯޑް މުގުރާލުމުގެ ފުރުސަތު ސަލާހުއަށް އެބައޮތެވެ. މިވަގުތު މި ރެކޯޑް އޮންނަނީ ނިއުކާސަލްއަށް ކުޅުނު އެލަން ޝިއަރާ އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލިވަޕޫލްއަށް ކުޅުނު ލުއިސް ސުއަރޭޒްގެ އަތުގައެވެ.
މި އެވޯޑް ލިބުމަށްފަހު ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނެފައިވަނީ އޭނާއަށް މި އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށައި އަލުން އެނބުރި ޕްރިމިއާ ލީގާއި ގުޅުމަށްފަހު އެ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ އޭނާގެ އަޒުމެއް ކަމަށެވެ. ސަލާހު ބުނީ އޭނާގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ކަމަށާއި ދަނޑުން ބޭރުގައިވެސް ކްލޮޕްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އޭނާ ބުނީ ކްލޮޕްއަށް ވަރަށް ބޮޑަށް އިހުތިރާމެއް ކުރާ ކަމަށާއި މިއަހަރަކީ ލިވަޕޫލްއަށް ހާއްސަ އަހަރަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަލާހު ވަނީ މީގެކުރިން ޗެލްސީއާއެކުވެސް ޕްރިމިއާ ލީގުގައި ކުޅެފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމަޔަށް ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ސަލާހު ދެމިހުރިއިރު އެ ޓީމާއެކު އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ލިވަޕޫލްއަށް ބަދަލުވުމަށްފަހު ސަލާހު ވަނީ އެ ޓީމަށް ކުޅުނު 50 މެޗުގައި 43 ލަނޑު ޖަހާފައެވެ.
ސަލާހު ވެގެންގޮސްފައިވަނީ މައިކަލް އޮވެން އަދި ލުއިސް ސުއަރޭޒްއަށްފަހު މި އެވޯޑް ހޯދި ލިވަޕޫލްގެ ހަމައެކަނި ކުޅުންތެރިޔާއަށެވެ.
ސަލާހު ވަނީ މިހާތަނަށް އިނގިރޭސިވިލާތާއި ވޭލްސްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ވޯޓާއެކު ހޮވާ ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ނޫސްވެރިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ބެލެވޭ ގޮތުގައި މިއަހަރު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށްވެސް ސަލާހު ވާދަކުރާނެއެވެ.