ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސްއަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 25 އަހަރުގެ އަލްވޭސްއަށް އަނިޔާވީ ފްރެންޗް ކަޕްގެ ފައިނަލުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހަބިއާސްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައެވެ. އަލްވޭސްގެ ކަނާތު ފައިގެ ކަކުލު ހުޅަށް އަނިޔާވިއިރު އޭނާ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މެޗުގެ 86 ވަނަ މިނެޓުގައި ދަނޑުން ބާލާފައެވެ.
ޕީއެސްޖީއިން އުއްމީދުކުރި ގޮތުގައި އޭނާއަށް ވޯލްޑް ކަޕް ނުގެއްލޭނެއެވެ. އެގޮތުން ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އަލްވޭސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ތިން ހަފްތާގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ފަހުން ހެދި ޓެސްޓްތަކަށް ފަހު އޭނާ ސާޖަރީއެއް ފުރިހަމަ ކުރަންޖެހޭކަން ކަށަވަރުވުމާއެކު އޭނާ ތިން ހަފްތާއަށް ވުރެ އިތުރަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން އެނގިގެންދިޔައެވެ.
އެހެން ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލްވޭސް ނުފެންނާނެކަން ކަށަވަރުކޮށްދީފައެވެ. އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުން އެދެނީ ވީހާވެސް އަވަހަށް އޭނާ އަނިޔާއިން ރަނގަޅުވެ ޓީމާއި އަލުން އެނބުރި ގުޅުން ކަމަށާއި އޭނާގެ ލީޑާޝިޕާއި މަސައްކަތް ޓީމަށް ބޭނުންވާ ކަމަށެވެ.
އަލްވޭސް ވަނީ އޭނާގެ ކެރިއަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން 106 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބްރެޒިލް ކުޅުނު ވޯލްޑް ކަޕްގައި އަލްވޭސް ރަނގަޅު ކުޅުމެއް ދެއްކިއިރު އޭނާގެ ބަދަލުގައި މިފަހަރު ސްކޮޑަށް ނަގާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީގެ ޑެނީލޯ ނުވަތަ މޮނާކޯއަށް ކުޅެމުން އަންނަ ފަބީނިއޯއެވެ.
ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިފަހަރު ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ.