އިނގިރޭސި ފުޓްބޯޅައިގެ ވެސް އެންމެ ކާމިޔާބު ކޯޗު ކަމަށްވާ ސަރ އެލެކްސް ފަރގަސަން އައިސޫޔީއިން ނެރެފިއެވެ.
ފަރގަސަންގެ ބޮލުގެ އޮޕަރޭޝަނެއް މިދިޔަ ހޮނިހިރު ދުވަހު ކޮށްފައިވާއިރު އޭގެފަހުން އޭނާއަށް ފަރުވާދެމުންދިޔައީ އައިސީޔޫގައެވެ. ސަލްފޯޑް ރޯޔަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރގަސަންއަށް ފަރުވާ ދެމުން ގޮސްފައިވާއިރު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޭނަ ވަނީ އައިސީޔޫއިން ދޫކޮށްލާފައެވެ. ފަރގަސަން ބޮލުގެ އޮޕްރޭޝަނެއް ކުރަން ޖެހުނީ 'ބްރެއިން ހެމަރޭޖް' އެއްގެ ސަބަބުންނެވެ.
އެ މައްސަލައިގައި އޭނާ ސާޖަރީއެއް ފުރިހަމަކޮށްފައިވާއިރު އެ ސާޖަރީގެ ކަންކަން ދިޔައީ ރަނގަޅަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މެންޗެސްޓާ ޔުނައިޓެޑްއިން ބުނެފައިވަނީ އޭނާއަށް މީހުންގެ ފަރާތުން ލިބުނު މެސެޖުތަކަށް ޝުކުރުވެރިވާ ކަމަށާއި އާއިލާއާއިއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް އާއިލާއިން އެދޭ ކަމަށެވެ.
ފަރގަސަން އެންމެ ފަހުން އާއްމުންނަށް ފެނިފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފަޑްގައި އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ހަނދާނީ ތައްޓެއް ހަވާލުކުރަން ގޮސް ހުއްޓައެވެ.
26 އަހަރުވަންދެން ޔުނައިޓެޑްގެ ކޯޗުކަން ކޮށްދިން ފަރގަސަން ވަނީ އެޓީމަށް 38 ތަށި ހޯދައިދީފައެވެ. އުމުރުން މިހާރު 76 އަހަރުވެފައިވާ ފަރގަސަން ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ދީފައިވަނީ 2013 ވަަނަ އަހަރުގައެވެ. އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗުގެ ލަޤަބު ހޯދާފައިވާ ފަރގަސަން ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއަރ ލީގު 13 ފަހަރު ހޯދައިދީފައެވެ.