ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު މެޗުގައި ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ ދެއްކި މޮޅު ކުޅުމާއެކު އެ ޓީމު މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލީ ސްޕެނިޝް ލަލީގާގެ ތަށި ޔަގީން ކުރުމަށްފަހުއެވެ. ހަމައެހެންމެ ވިޔަރެއާލް ނުކުތީ ޔުއެފާ ޔުރޮޕާ ލީގުގެ ޖާގައެއްގެ އުއްމީދު ދެމެހެއްޓުމަށެވެ.
މި މެޗުގައި ބާސާގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވިޔަރެއާލްގެ ގޯލު މެޗުގެ 11 ވަނަ މިނެޓުގައި ބާސާއަށް ހުޅުވާލަދިނީ ފިލިޕޭ ކުޓީނިއޯއެވެ. މި ލަނޑަކީ ވިޔަރެއާލްގެ ކީޕަރު ދިފާއުކުރި ބޯޅައެއް ކުޅުމުގެ ތެރެއަށް އެނބުރި އައުމުން އޭނާ ޖެހި ލަނޑެކެވެ. ބާސާގެ ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ލޫކަސް ޑިންޔޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ޕައުލީނިއޯއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އިނިއެސްޓާގެ އެހީތެރިކަމާއެކު ޖަހައިދިނީ ލިއޮނެލް މެސީއެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވިޔަރެއާލްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ނިކޮލައި ސަންސޯނޭ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށްފަހު ބާސާގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އުސްމާން ޑެމްބެލޭއެވެ. ބާސާގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ވެސް ޑެމްބެލޭއެވެ.
މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ މި ސީޒަނުގެ މިހާތަނަށް ލަލީގާގައި 34 ލަނޑު ޖަހާފައެވެ. މި އަދަދަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މި ސީޒަނުގެ ލަލީގާގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައިނުވާއިރު އެ ޓީމުން މަސައްކަތްކުރަމުންދަނީ އެއްވެސް މެޗަކުން ބަލިނުވެ ލަލީގާ ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.
ކުޅުނު 36 މެޗުން ލިބުނު 90 ޕޮއިންޓާއެކު އެއްވަނައިގައި ބާސާ އޮތްއިރު ވިޔަރެއާލް އޮތީ ކުޅުނު 36 މެޗުން ލިބުނު 57 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.