ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު އެލް ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯއަށް ހަމަލާ ދިނުމާއި ގުޅިގެން ބާސެލޯނާއަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ ހަތަރު މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޓީމުގެ މެދުގައި ސްޕެނިޝް ލަލީގާގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއާކުން އެއްވަރުވިއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ރޮބާޓޯއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މާސެލޯގެ މޫނުމަތީގައި އަތުން ޖެހުމުގެ ސަބަބުންނެވެ. މި މައްސަލައިގައި ރޮބާޓޯ ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށް 3000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ހަމައެހެންމެ ބާސާ ވެސް ވަނީ 1400 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
މި ސަސްޕެންޝަނުގެ ސަބަބުން މި ސީޒަނުގެ ލަލީގާގައި ބާސާއަށް ބާކީ އޮތް ތިން މެޗު އޭނާއަށް ގެއްލޭނެއެވެ. އެގޮތުން އަމިއްލަ ދަނޑުގައި ވިޔަރެއާލް އަދި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ އިތުރުން ރަށުން ބޭރުގައި ލެވާންޓޭއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާއަށް ގެއްލޭނެވެ. ހަމައެހެންމެ އަންނަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސުޕާ ކަޕްގެ ފުރަތަމަ ލެގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާއަށް ގެއްލޭނެއެވެ. ބާސާއިން ވަނީ މި މައްސަލަ ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގައި އިސްތިއުނާފްކޮށްފައެވެ.
މި މެޗުގައި ރެފްރީގެ ފަރާތުން ގިނަ ގޯސް ނިންމުންތަކެއް ފެނުނު ކަމަށް ދެ ޓީމުގެ ކުޅުންތެރިން އަދި ކޯޗުން ވެސް ވަނީ ބުނެފައެވެ.
މެޗުގެ ކޮންޓްރޯލް މެޗުގައި ރެފްރީކަން ކުރި އަލެހަންދްރޯ ހަނާންޑޭޒް ހަނާންޑޭޒް އަތުން ގެއްލުނު ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އޭނާގެ ފަރާތުން މެޗުގައި ފެނުނު ނިންމުންތަކާއި މެދު ދެ ޓީމުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ރެއާލްގެ ގެރެތު ބޭލްއަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކުމާއި ރެއާލްއަށް ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިނުމުގެ އިތުރަށް ބާސާއިން ދެވަނަ ލަނޑު ޖެހިއިރު އެ ޓީމުން ފައުލް ކުރި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މެޗުގެ ރެފްރީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ ހާފް ޓައިމްގައި ރެފްރީއަށް ޓަނަލް ތެރޭގައި މެސީ ޕްރެޝަރުކުރި ކަމަށާއި އެތަނުގައި ކެމެރާ ހުރި ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ދެވަނަ ހާފުގައި އެކަމުގެ ސަބަބުން ރެފްރީގެ ބައެއް ނިންމުންތައް ގޯސްކޮށް ދިޔަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ރެފްރީއަށް މެސީ ޕްރެޝަރު ނުކުރިނަމަ އޭނާ އެ ނިންމުންތައް ނިންމާނީ އެހެން ގޮތަކަށް ކަމަށެވެ. އޭނާ ބުނީ މިއީ ފުޓްބޯޅަ ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމަންޖެހޭނީ ދަނޑުމަތިން ކަމަށެވެ.
ރެއާލްއަށް ކުޅެމުން އަންނަ ކަސެމީރޯ ވެސް ވަނީ ރެފްރީންގެ ނިންމުންތަކާއިމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނީ މާސެލޯއަށް ޕެނަލްޓީއެއް ލިބެންޖެހޭ ކަމަށާއި އެހެން ނަމަވެސް ރެފްރީއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ރެފްރީ މަސައްކަތްކުރީ އެންމެ ރަނގަޅަށް ކަންކަން ނިންމުމަށް ކަމަށާއި މެޗު އެއްވަރުވިނަމަވެސް ދެ ޓީމަށް ވެސް މި މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށެވެ.
ބާސާގެ ސުއަރޭޒް ވެސް ވަނީ ދެވަނަ ލަނޑަކީ ފައުލްއެއް ކުރުމަށްފަހު އޭނާ ދިން ބޯޅައެއްގައި މެސީ ޖެހި ލަނޑެއްކަމަށް އިއުތިރާފް ވެފައެވެ. އޭނާ ބުނީ ރެއާލްގެ ޑިފެންޑަރު އަތުން ބޯޅަ ހޯދުމަށް އޭނާގެ ފައިގައި ޖެހި ކަމަށާއި އޭނާ ހީކުރީ ރެފްރީއަށް އެ މަންޒަރު ފެނި ރެއާލްއަށް ހިލޭ ޖެހުމެއް ދޭނެ ކަމަށެވެ. ރެފްރީ އެގޮތަށް ކަން ނުކުރުމުން ހައިރާންވި ކަމަށާއި ބައެއް ނިންމުންތައް ރެފްރީގެ އަތްދަށުން ވެސް ދާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ރޮބާޓޯއަށް ދެއްކި ރަތް ކާޑާއެކު ޓީމަށް ދަތިތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް ނަތީޖާއާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
މި މެޗުގައި ރެފްރީކަންކުރި ހަނާންޑޭޒް ހަނާންޑޭޒްއަކީ މީގެކުރިން ވެސް ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ފެނިފައިވާ ނިންމުންތަކާއި ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ރެފްރީއެކެވެ. ސާޖި ރޮބާޓޯގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފައި އޮތް ނަމަވެސް އެ ސަސްޕެންޝަން އުވާލާނެ ކަމަށް ނުބެލެއެވެ.