އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި ކުޅެމުން އަންނަ ޑީސީ ޔުނައިޓެޑަށް ބަދަލުވުމަށް އެވަޓަންގެ ފޯވާޑް ވޭން ރޫނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޮޝިންޓަނަށް ނިސްބަތްވާ ޑީސީ ޔުނައިޓެޑަށް ރޫނީ ގެންދިޔުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުމުރުން 32 އަހަރުގެ ރޫނީ ދޫކޮށްލުމަށް އެވަޓަންއިން ވެސް އެއްބަސްވާނެ ކަމަށް ބެލެވޭއިރު އޭނާ ޑީސީ ޔުނައިޓެޑާއެކު ސޮއިކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށް ބެލެވެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު ރޫނީ ޔުނައިޓެޑާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. މި ސީޒަނުގައި އޭނާ އެ ޓީމަށް 11 ލަނޑު ޖަހައިދީފައިވާއިރު އެވަޓަންއާއެކު އޭނާއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. މި ސީޒަނުގައި ރޫނީ މިޑްފީލްޑަރެއްގެ ރޯލުން ފެނިގެންދިޔައިރު އޭނާއަށް ވަނީ ދަނޑު ބޭރުން ވެސް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މަސްތުގެ ހާލަތުގައި ކާރު ދުއްވުމުގެ ސަބަބުން އޭނާގެ ލައިސެންސް ދެ އަހަރު ދުވަސް ހިފަހައްޓާފައިވާއިރު މިފަދަ އެތައް ކަމެއްގެ ސަބަބުން އޭނާ އެހެން ގައުމެއްގައި ކުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެވަޓަންއާއެކު ރޫނީ ހަދާފައިވާ ކޮންޓްރެކްޓަގައި ބާކީ އެއް އަހަރު އޮތްއިރު އެ ކްލަބްގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި ހުރީ ވެސް ރޫނީއެވެ. އޭނާއަށް ހަފްތާއެއްގެ މައްޗަށް 150000 ޕައުންޑް ލިބޭއިރު އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ހަރަދުތައް ކުޑަކުރުމަށް ރޫނީ ވިއްކާލުމަށް އެ ޓީމުން ބޭނުންވެއެވެ.
މި ހަފްތާގެ ކުރީކޮޅު ރޫނީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ސޭމް އެލަޑައިސް ބުނެފައިވަނީ ރޫނީ ޗައިނާ ނުވަތަ އެމެރިކާގެ ޓީމަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނާއަކީ އެވަޓަންއަށް ނިސްބަތްވާ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ އެވަޓަން ދޫކޮށްލާނީ ބޮޑު ހުށަހެޅުމެއް ލިބުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް އެލަޑައިސް ބުނެފައިވެއެވެ.
ރޫނީ ޕްރިމިއާ ލީގަށް ތައާރަފް ވެގެންދިޔައީ އެވަޓަންއާއެކު ކަމަށްވާއިރު ދެވަނަ ފަހަރަށް އެ ޓީމު ދޫކޮށްލުން ވެގެންދާނީ އޭނާއަށް އުނދަގޫ ކަމަކަށް ކަމަށް ބެލެވެއެވެ. އަލުން އެނބުރި ރޫނީ އެވަޓަންއަށް ބަދަލުވިތާ އަދި އެއް އަހަރު ވެސް ނުވެއެވެ.