އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ހޯދުމަށް ބާސެލޯނާއިން މަސައްކަތްކުރަމުންދާތީ އެކަމަށް އެޓްލެޓިކޯ މެޑްރިޑްއިން ހޫނު ރައްދެއް ދީފިއެވެ.
މި ސީޒަނަށްފަހު ގްރީޒްމަން އެޓްލެޓިކޯ ދޫކޮށްލަން ނިންމާފައިވާއިރު ބެލެވޭ ގޮތުގައި އޭނާ ފެނުން އެންމެ އެކަށީގެންވަނީ ބާސާގެ ޖާޒީއިންނެވެ. މިކަމަށް ބާރު ލިބިގެންދިޔައީ މިދިޔަ ހަފްތާގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ޓްރާންސްފާގެ ކަންކަމުގައި ގްރީޒްމަންއާ ބައްދަލުކުރިކަން ހާމަކުރުމާއި ގުޅިގެންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރުގެ މަހުގެ ތެރޭގައި ގްރީޒްމަން އަދި އޭނާގެ އޭޖެންޓާއި ބައްދަލުކުރިކަން ބާސާގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައިގައި އެޓްލެޓިކޯގެ ރަސްމީ ވެބްސައިޓުގައި އެ ޓީމުގެ ސީއީއޯ މިގުއެލް އެންހެލް ގިލް މާޓިން ވަނީ ބާސާއަށް ހޫނު ރައްދެއްދީ ބަޔާނެއް ނެރެފައެވެ. އޭނާގެ ބަޔާނުގައި ވަނީ ބާސާއިން ކަންކަން ކުރަމުންދާ ގޮތާއި ގުޅިގެން ވަރަށް ހިތްހަމަނުޖެހޭ ކަމަށާއި ބާސާއިން ކަންކަން ކުރަމުންދަނީ އެޓްލެޓިކޯއަށް އެއްވެސް އިހުތިރާމެއް ނެތިވެ ކަމަށެވެ. ހަމައެހެންމެ ބާސާގެ ރައީސްއާއި އެ ޓީމުގެ ކުޅުންތެރިން ގްރީޒްމަންއާ ގުޅިގެން ވާހަކަ ދައްކަމުންދަނީ ބޮޑު ފައިނަލެއްގައި އެ ޓީމު ކުޅެން ތައްޔާރުވަމުންދާއިރު ކަމަށާއި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބާސާއިން ކޮށްފައިވާ ކަމެއް ކަމަށް މި ބަޔާނުގައިވެއެވެ.
މިގުއެލްގެ ބަޔާނުގައި އިތުރަށް ވަނީ ގްރީޒްމަންއާ ގުޅިގެން އެޓްލެޓިކޯއިން ގެންގުޅޭ ވިސްނުން ވަރަށް ސާފު ކަމަށާއި އެކަން ވާނީ ވަރަށް ގިނަ ފަހަރު މީޑިއާއަށް ވެސް ހާމަކޮށްފައި ކަމަށެވެ. އެގޮތުން އެންމެ ފަހަރަކު ވެސް އެއްވެސް ޓީމަކާއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިނުވާނެ ކަމަށާއި އަދި މަޝްވަރާ ކުރުމުގެ އެއްވެސް ހިޔާލެއް ވެސް އެ ޓީމުން ނުގެންގުޅޭ ކަމަށް މި ބަޔާނުގައިވެއެވެ.
މި ބަޔާނުގައި ވަނީ ބާސާގެ ރައީސްއަށް ގްރީޒްމަން ނުވިއްކާނެކަން އަންގާފައިވާނެ ކަމަށާއި ތަކުރާރުކޮށް އެފަދަ ވާހަކަ ނުދެއްކުމަށް އެދިފައިވާ ކަމަށެވެ. އަދި ބާސާއިން ކުރަމުންދާ ކަންކަމާއި ގުޅިގެން ގްރީޒްމަން އެޓްލެޓިކޯ ދޫކޮށްލައިފި ހާލަތެއްގައި އެކަމުގެ ފުރިހަމަ ބަދަލު ހޯދާނެ ކަމަށް މިގުއެލްގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގެ ސަބަބުން ބާސާއިން ކުރަމުންދާ މަސައްކަތް ހުއްޓާލާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.
ބާސާގެ ރައީސް ގްރީޒްމަންއާއެކު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ކަމަށް އެއްބަސްވެފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި ބާސާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ.
ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ.