އާސެނަލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީއަށް އަނިޔާވެ މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ގެއްލިއްޖެއެވެ.
ކޮސިއެލްނީއަށް އަނިޔާވީ ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އާސެނަލް ކުޅުނު ދެވަނަ ލެގުގެ މެޗުގައެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ކޮސިއެލްނީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ އަށިގަނޑުގައި ދަނޑުން ބޭލިއިރު އެ މެޗުން ބަލިވެ އާސެނަލް ވަނީ އެ މުބާރާތުން ކަޓާފައެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ އަދި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއާ ޑެޝޭމްޕްސް ވެސް ވަނީ ކޮސިއެލްނީއަށް ވޯލްޑް ކަޕް ގެއްލޭނެކަން ކަށަވަރުކޮށްދީފައެވެ.
ކޮސިއެލްނީގެ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑެޝޭމްޕްސް ބުނީ މިއީ ފްރާންސްގެ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އޭނާގެ ހިތާމާއިގައި ބައިވެރިވާ ކަމަށެވެ. ހަމައެހެންމެ ވޯލްޑް ކަޕަކީ ކޮސިއެލްނީއަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި އެދެނީ އޭނާ ވީހާ ވެސް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އައުން ކަމަށެވެ. އޭނާ ބުނީ އަނިޔާއިން އެނބުރި އައިސް ކޮސިއެލްނީ އަލުން އެނބުރި ގައުމީ ޓީމުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އުމުރުން 32 އަހަރުގެ ކޮސިއެލްނީއަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ހަ މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭއިރު އަންނަ ސީޒަނުގެ ފުރަތަމަ ތިން މަސް ވެސް އޭނާއަށް ގެއްލޭނެއެވެ. ކޮސިއެލްނީއަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ހަ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ކޮސިއެލްނީ ހުރީ ވަރަށް ދެރަވެފައި ކަމަށާއި އޭނާ ޑިސެމްބަރު މަހުގެ ކުރިން ފުޓްބޯޅަ ދަނޑަކުން ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ކަންކަން ރަނގަޅަށް ގެންދެވޭތޯ ކަމަށާއި އެހެން ނަމަވެސް މި ހާލަތުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ކޮސިއެލްނީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޖުމްލަ 51 ފަހަރު ފްރާންސްގެ ގައުމީ ޖާޒީގައި ކުޅެފައިވާ ކޮސިއެލްނީ ވަނީ މިއަހަރުގެ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ވެސް ބުނެފައެވެ.