އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.
ނޭމާއަށް އަނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި އަނިޔާވެގެން އޭނާ އަށިގަނޑުގައި ބޭލި ނަމަވެސް ޕީއެސްޖީއިން 3-0 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރިއެވެ. މި މެޗުގައި އޭނާގެ ކުޑަހުޅާއި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ތިން މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުނެވެ. ހަމައެހެންމެ މި އަނިޔާގެ ސަބަބުން އަންނަ ޖޫން މަހުގެ ތެރޭގައި ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ވެސް އޭނާއަށް ގެއްލިދާނެ ކަމުގެ ބިރު އޮތެވެ.
އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުގައި ނޭމާ ސާޖަރީއެއް ފުރިހަމަކުރިއިރު އޭނާ ވަނީ އަލުން އެނބުރި ފްރާންސަށް އައިސް ހޮނިހިރު ދުވަހު ޕީއެސްޖީގެ ޓްރެއިނިން ސެންޓަރުގައި ވަކިން ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައެވެ.
ޕީއެސްޖީއަށް މި ސީޒަނުގައި ބާކީ ތިން މެޗު އޮތްއިރު ސީޒަނުގެ އެންމެ ފަހު މެޗުގައި ނޭމާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެ ޓީމު އަންނަ ހުކުރު ދުވަހު ފްރެންޗް ކަޕްގެ ފައިނަލުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހަބިއަރސްއާ ދެކޮޅަށް ނުކުންނައިރު ނޭމާ އެ މެޗުގައި ނުފެންނާނެއެވެ. އެހެން ނަމަވެސް އެ ޓީމުން މި ތަށި ކާމިޔާބުކޮށްފިނަމަ ނޭމާ ސީޒަން ނިންމާލާނީ ތިން ތަށްޓާއެކުއެވެ.
މިދިޔަ މަހުގެ ތެރޭގައި ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނެފައިވަނީ ތިން ހަފްތާތެރޭ ނޭމާ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށެވެ.
ވޯލްޑް ކަޕް ހުޅުވުމުގެ ކުރިން ކްރޮއޭޝިއާ އަދި އޮސްޓްރީއާ ދެކޮޅަށް ބްރެޒިލް އެކުވެރި ކަމުގެ މެޗުތަކެއް ވެސް ކުޅެނޭއެވެ. އެ މެޗުތަކަށް އޭނާ ފިޓުވާނެ ކަމަށް ބެލެވޭއިރު ބްރެޒިލްގެ ގައުމީ ޓީމުން އަންނަނީ ޕީއެސްޖީގެ ޑޮކްޓަރުންނާއެކު ނޭމާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ. އެންމެފަހުން ޖަރުމަނު އަދި ރަޝިއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުތަކުގައި ނޭމާ ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް ވޯލްޑް ކަޕްގައި ބްރެޒިލްގެ ޓީމު ލީޑުކުރުމަށް ނޭމާ ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ ރެކޯޑު ފީއަކަށް ޕީއެސްޖީއާއި ގުޅުމަށްފަހު ނޭމާ އެ ޓީމުގެ ދިޔައީ އަނިޔާވުމުގެ ކުރިން މޮޅު ކުޅުމެއް ދައްކަމުންނެވެ. ނޭމާއަށް މި ސީޒަނުގައި ކުރިމަތި އެންމެ ބޮޑު ގޮންޖެހުމަކީ އެ އަނިޔާއަށްވާއިރު އޭނާ އަނިޔާގައި ހުރި ދުވަސްވަރު ޕީއެސްޖީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ކަޓާފައެވެ.