'މިހާރު' ނޫހުގެ ފަރާތުން ބޭއްވި މިހާރު އެވޯޑްސް ހަފްލާގައި ރާއްޖޭގެ ކުޅިވަރު މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ފުރަތަމަ މިހާރު އެވޯޑްސް ހަފްލާގައި ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅެވޭ ދެ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އިތުރުން އިންޑިވިޖުއަލް ކުޅިވަރުތަކުން އެތުލީޓުންނަށް އެވޯޑު ދީފައެވެ. ހަމައެހެންމެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑުގެ ގޮތުގައި "ޒާހިރު ނަސީރު އެވޯޑު" ވެސް ވަނީ ރޭގެ ހަފްލާގައި ދީފައެވެ.
'މިހާރު' އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރް (ސެންޓޭ) އެވެ. ސެންޓޭގެ ފަހަތުން ދެވަނަ މިދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުނު މުހައްމަދު އުމައިރުއަށް ލިބުނުއިރު ތިންވަނަ ހޯދީ ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިހާރު އެވޯޑްސްގައި ސެންޓޭ ރަން ބޫޓު ގެންދިޔައީ މިދިޔަ ސީޒަނުގައި 24 ލަނޑު ޖަހައިގެންނެވެ. މި ހަފްލާގައި ހޮވި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ނާއިޒް ހަސަން (ދާދު) އެވެ.
ވޮލީގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ކުޅުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ދެވަނަ ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހޯދިއިރު ތިންވަނަ ލިބުނީ އަލީ ހުޒާމް (ހުޒާންޓޭ) އަށެވެ. މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުހައްމަދު މިމްރާހް ހަސަން (މިންމި) އެވެ.
'މިހާރު' އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖޫޒާން ޒަރީރުއެވެ. ދެވަނައަށް ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ ހޮވުނުއިރު ތިންވަނަ ލިބުނީ އައިމިނަތު އަރީޝާއަށެވެ. އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަރީޝާއެވެ.
'މިހާރު' އެވޯޑްސްގައި ހޮވި އަހަރުގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް އެތުލީޓަކަށް ހޮވިފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވިގެންދިޔަ އިންޑިވިޖުއަލް އެވޯޑް ކެޓަގަރީގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ބެޑްމިންޓަންގައި ފާހަގަކޮށްލެވޭ ފާތިމަތު ނަބާހާއެވެ. އެންމެ އުއްމީދީ ފިރިހެން އެތުލީޓަކަށް ފެތުންތެރިޔާ މުބާލް އައްޒާމް ހޮވުނުއިރު އެންމެ އުއްމީދީ އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ނަބާހާއެވެ.
'މިހާރު' އެވޯޑްސް ހަފްލާގައި ދެވުނު އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 'ޒާހިރު ނަސީރު އެވޯޑް" އެރުވުނީ ރާއްޖޭގެ ކުޅިވަރަށް ތަފާތު ގިނަ އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ އަދި ކުރައްވަމުންދާ ހީނާ އަހުމަދު ސަލީމްއަށެވެ. ހީނާއަކީ އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވުނު އެތުލީޓަކަށްވާއިރު އޭނާއަކީ ރާއްޖޭގައި ކުޅިވަރު ކުޅޭ އެތުލީޓުން އުފެއްދުމަށް ވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. މިހާރު ވެސް ހީނާ ގެންދަވަނީ "އާލީ ޓަޗް ފުޓްބޯލް އެކަޑަމީ" ގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގަވަމުންނެވެ.
މިއަހަރުގެ އެވޯޑް ހަފްލާ ވެގެންދިޔައީ 'މިހާރު' ނޫހުން ބޭއްވި ފުރަތަމަ އެވޯޑް ހަފްލާއަށެވެ.