މެލޭޝިއާއިން އެޕާޓްމަންޓެއް ބައްލައިވައިގަތުމަށް މަސައްކަތްކުރައްވައި، އެވާހަކަ ލެމަންގްރާސް އާތިފް ކައިރީގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ދައްކަވާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުޤީޤަށް އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުގެ ތެރެއިން ލެމަންގްރާސް އާތިފު ދީފައިވާ ބަޔާނުންނެވެ.
ބަޔާންތައް ލީކުވަމުންދާއިރު، ލެމަންގްރާސްގެ ވެރިޔާ އިބްރާހިމް އާތިފްގެ ބަޔާންވެސް ވަނީ ލީކުވެފައެވެ. އަދި އޭސީސީގެ ރައީސް ލުތުފީ ތަހުޤީގަށް ދެއްވި ބަޔާން ލީކުވެފައިވާއިރު، އެ ބަޔާނުގައި އެމަނިކުފާނަށް އެނގިވަޑައި ނުގެން، އެމަނިކުފާނުގެ ނަންފުޅުމަތީގައި މެލޭޝިއާއިން ގެއެއް ބުކްކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް، އާތިފްގެ ބަޔާނުގައި ވަނީ އޭނާ މެލޭޝިއާއިން ގެއެއް ގަންނަން އުޅޭ ތަނުގައި އިތުރު ގެތަކެއް ހުރުމުން އެތަން ހުރި ވާހަކަ ލުތުފީއަށް ގުޅައި، ބުނެފައިވާކަމަށެވެ. އަދި އެވާހަކަ ބުނީ ލުތުފީ މެލޭޝިއާއިން ގެއެއް ބައްލަވައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، އެވާހަކަ ދައްކަވާފައިވާތީކަމަށްވެސް އާތިފްގެ ބަޔާނުގައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ޙަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކުރެވިފައިވާއިރު، އެބޭފުޅުން މެލޭޝިއާއިން ގެތަކެއް ބައްލަވައިގަންނަން އުޅުއްވިކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުޤީޤުކުރަމުންނެވެ. މިމައްސަލައިގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ ބަޔާންތަކެއް ފުލުހުން ނަގާފައިވާއިރު، އެޕާޓްމަންޓާއި ގުޅޭ ކަންތަކުގައި މެލޭޝިއާގައި އެބޭފުޅުންނާއި އެކު ހަސަން ލުތުފީ އުޅުއްވިކަން ވަނީ ބަޔާންތަކުން ފަޅާއަރާފައެވެ.
އާތިފްގެ ވާހަކަ ލުތުފީގެ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާއިރު، މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވިކަމަށް ބުނާ ވާހަކަތަކުގައި އާތިފް އާއި ލުތުފީގެ ވާހަކަ މުޅިން ދިމައެއް ނުވެއެވެ.