ކ. މާލެ
|
6 މެއި 2018 | އާދީއްތަ 00:21
އެމްއެމްއޭ: މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނިވަނީ އިތުރުވެފައި
އެމްއެމްއޭ: މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނިވަނީ އިތުރުވެފައި
މުހައްމަދު ޝަރުހާން
އެމްއެމްއޭ މާލީ ބަޔާން
ބޭރު ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރައިފި
ފާއިތުވި އަހަރު ބޭރުގެ ދަރަނި 339.4 މިލިއަން އެމެރިކާ ޑޮލަރުން އިތުރުވެފައިވޭ
ބޭރުގެ ޖުމްލަ ދަރަނީގެ 91 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ދަރަނި

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި 1.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ބޭރުގެ ދަރަނީގެ ގޮތުގައި އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ސަރުކާރާއި ވިޔަފާރި ބޭންކުތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު ބޭރުގެ ދަރަނި 339.4 މިލިއަން އެމެރިކާ ޑޮލަރުން އިތުރުވެ، އަހަރު ނިމުނުއިރު، ސަރުކާރާއި ވިޔަފާރި ބޭންކްތަކުގެ ޖުމްލަ ދަރަނި ހުރީ 1.2 ބިލިއަން ޑޮލަރުގައި ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ޖުމްލަ ދަރަނީގެ 91 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ދަރަންޏެވެ. ސަރުކާރުގެ ބޭރުގެ ދަރަނި 316.2 މިލިއަން ޑޮލަރުން އިތުރުވެ، އަހަރު ނިމުނުއިރު 1.1 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 2016 ވަނަ އަހަރު ބޭރުގެ ދަރަނި ހުރީ 20 އިންސައްތައިގައެވެ. އަދި މިދިޔަ އަހަރު އެ އައަދަދު ވަނީ 26 އިންސައްތައަށް މަތިވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ދަރަނި އިތުރުވެފައިވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުނު ސަރުކާރުގެ ބޮންޑާ ގުޅިގެން ސަރުކާރުގެ ދަރަނީގެ ސެކިއުރިޓީތައް އިތުރުވެފައި ވާތީ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް