ވަކި ގޮތަކަށް ކޯޓުން ހުކުމް ނެރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެންގެވި ކަމަށް ބުނެ ދެ މީހަކު ކްރިމިނަލް ކޯޓުގައި ސިއްރުން ހެކިބަސްދީފި އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށް ބުނެ އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން ހޮނިހިރު ދުވަހު ސިއްރުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދެ މީހަކު ވަނީ ހެކިބަސްދީފަ އެވެ.
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކު ވަނީ އޭނާ ލިޔުނު ހުކުމަކަށް ފަނޑިޔާރު އަލީ ހަމީދު ބަދަލު ގެނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި އަދި އެކަކު ދިން ބަޔާނުގައި އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ބައެއް ފަރާތްތައް ދޫކޮށްލުމާ ގުޅޭ ގޮތުން އޭނާއާ ގުޅައި ވަކި ގޮތަކަށް އަމުރު ނެރުމަށް އެދިފައިވެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމަށްފަހު އަލީ ހަމީދާއި އަބްދުﷲ ސަޢީދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ. އަދި ދެން އޮންނާނީ މި މައްސަލައިގައި ހުލާސާ ބަޔާން ހުށަހެޅުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެއަށްފަހު މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް ކުރުން އޮންނައިރު ހުލާސާ ބަޔާން ހުށަހެޅުމަށް ބާއްވާ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހަށެވެ. އެހެން ކަމުން މި މައްސަލައިގައި މި ހަފްތާގައި ނޫނީ އަންނަ ހަފްތާގައި ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.
އަބްދުﷲ ސައީދާއީ އަލީ ހަމީދާ ދެކޮޅަށް ހެކިބަސްދިން ދެ މީހުންނަކީ ކާކުކަން ނޭނގުނު ނަމަވެސް ދެ ގާޒީއަކު ފުލުހުންނަށް ދިން ބަޔާނުގައި ހުރި ވާހަކަތަކާއި ހެކިބަސްދިން މީހުން ދެއްކި ވާހަކަތަކާ އެއްގޮތް ކަންތައްތަކެއް ހުއްޓެވެ.
އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ފުލުހުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ހިންގި ތަހްގީގަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފު ދެއްވާފައިވާ ބަޔާނެއްގައި ކޯޓުން ނެރުނު ބައެއް އަމުރުތައް ނެރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިރުޝާދު ދީފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ގުޅުއްވާ ކޯޓްތަކުގައި ހުރި ދައުލަތާއި، އެފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ރައީސް އަބުދުﷲ ޔާމީން ބޭނުންފުޅުވާގޮތަށް ނިންމެވުމަށް އިރުޝާދު ދެއްވާކަމަށާއި އަދި ބައެއް އަމުރުތައް އެ ބޭފުޅުން އެންގެވި ގޮތައް ނެރުއްވާފައިވާނެ ކަމަށް ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް ދީފައިވާ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. މިއީ ސިއްރު ބަޔާންތަކެއް ނަމަވެސް މިއީ ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ކަމަށާއި ބަޔާންތައް ލީކްކޮށްލި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.