ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 18:02
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީ: 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފި
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ފަސް މެމްބަރުންގެ ކޮމެޓީއެއް ނަގަންޖެހޭ
ޕްރައިމަރީގައި ވޯޓު ލުމުގެ ޙައްގު ލިބޭނީ މެއި 15 ގެ ނިޔަލަށް މެމްބަރޝިޕް ހޯދާ މެމްބަރުންނަން
ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ މެއި 30 ވަނަ ދުވަހު

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމެޓީއެއް ނަގައިފިއެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޕާޓީންގެ ގައުމީ މަޖިލީހުން 5 މެމްބަރުންގެ ކޮމެޓީއެއް ނަގަންޖެހޭ ކަމަށެވެ. މެއި މަހުގެ 15 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާއިރު، އަސާސީ ގަވައިދާ އެއްގޮތަށް ފަސް މެމްބަރުންގެ ކޮމެޓީ މިހާރު ނަގާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި، ޒުވާނުންގެ ރޫހުގެ ރައީސް މީކާއިލް ނަސީމްގެ އިތުރުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަނިކެއެވެ. އެ ފަސް މެމްބަރުންގެ ބެލުމުގެ ދަށުން ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރުވެސް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެއެވެ.

އެމްޑީޕީގެ ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބޭނީ މެއި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕްކަން ހޯދައިވާފައިވާ މެމްބަރުންނަން ކަމަށް ހަސަން ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓެއް އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށާއި މޭ މަހުގެ 30 ވަނަ ދުވަހު ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް އެމްޑީޕީގެ 162 ވަނަ ޤައުމީ މަޖިލީހުން ނިންމުމާ ގުޅިގެން ދަންނަވަމެވެ. މި ޕްރައިމެރީގައި ވޯޓުލުމުގެ ހައްގު ލިބޭނީ 15 މެއި 2018 ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ހޯދައިފައިވާ މެމްބަރުންނަން" ކަމަށް ޕްރައިމަރީގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ރަޖިސްޓްރީ އާއި ގުޅޭގޮތުން އެމްޑީޕީން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.

އެމްޑީޕީންގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީން އެއްބަސްވެ އިގްރާރުވަނީ، މި ހިނގާ 2018 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، އަދި 2018 ވަނަ އަހަރުގެ 30 މެއި ވަނަ ދުވަހުގައި ޕްރައިމަރީގައި ވޯޓަށް އެހުމަށާއި، އެ ވޯޓުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަޑައެޅުމަށާއި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީއާއި، އަދި 2013 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީ ބޭއްވުމުގައި އަމަލުކުރެވުނު ގޮތާއި، އަދި އެޕާޓީގެ ރައީސްގެ ރައީސް ކަމުގެ ޝަރުތުތައް ހަމަ ކަމަށް އެޕާޓީން ބަލައިގަނެ، ކުރިއަށް ގޮސްފައިވާ ގޮތާއި އަދި އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވުމަށާއި، އަދި އެފަދަ އެތައް އެ ބާވަތުގެ ކަންކަމާއި އެކު އެ ޕާޓީގެ ގައުމީ މަޖިލީސް އިތުރަށް އެއްބަސްވެ އިގުރާރު ވަނީ އެ ޕާޓީގެ އިންތިހާބާއިގުޅޭ ގަވައިދުގާ ހިމެނޭ އެންމެހާ ކަންކަން މާނަކޮށް ހިންގާނީ އިސްވެ ދެންނެވެނު، އިހުވެސް އެޕާޓީން އަމަލުކޮށްފައިވާ އުސޫލްތަކާއި ހަމަ ތަކުގެ މަތީންކަމަށާއި، އަދި އެއާއިކު، ގައުމީ މަޖިލީސް އެއްބަސްވެ އިގްރާރު ވަނީ ޕްރަމަރީއިން ކަނޑައެޅޭ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ބައިވެރިނުވެވޭނެ އެއްވެސް ސަބަބެއް މެދުވެރިވެއްޖެނަމަ، ދެން އެޕާޓީން ކަންކުރާނެ ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

މިފަދަ ނިންމުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމިއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު މިހާރު ހުންނެވި ޖަލު ޙުކުމެއްގައިކަމުން، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، މި ހާލަތުގައި އެމަނިކުފާނަށް ލިބިއެއް ނުލައްވާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހު ވަގުތު އެމަނިކުފާނަށް އިތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
5 މެއި 2018 | ހޮނިހިރު 18:41
ހަޟަވެރކަން
!ތިއޮތީ ބުޅާ ގޯނިން ބޭރުވެފާ
5 މެއި 2018 | ހޮނިހިރު 18:37
ހ މ ޒ
ޕާޓީގެ ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވާދަކުރަން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާތީ ޕާޓީގެ ބައެއް އެކްޓިވިސްޓުން ވަނީ އެކަމާއި ހިތްހަމަނުޖެހިފައެވެ؟
5 މެއި 2018 | ހޮނިހިރު 18:34
100%
!ޕަސެންޓު ޔަގީން ކަމެއް
5 މެއި 2018 | ހޮނިހިރު 18:32
ހ މ ޒ
މިސަރުކާރަކީ ހުރިހާ އެންމެނަށް ހަމަހަމަ ކަމާއެކު ގާނޫނު ތަންފީޒުކުރާ ސަރުކާރެއް!؟