ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 17:43
ފަނޑިޔާރު އަބްދުﷲ ސަޢީދު ރައީސް އަބްދުﷲ ޔާމިންއާ ސަލާމް ކުރައްވަނީ:- އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ހުށަހެޅިފައި
ފަނޑިޔާރު އަބްދުﷲ ސަޢީދު ރައީސް އަބްދުﷲ ޔާމިންއާ ސަލާމް ކުރައްވަނީ:- އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ހުށަހެޅިފައި
ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު
ޖެމްސްގެ މައްސަލައިގައި ބާއްވާ އަޑުއެހުމެއް މާދަމާ
އަޑު އެހުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10.00ގައި

ސަރުކާރުގެ އިދާރާތަކުން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް އެ ކޯޓަށް ނުލިބޭ ގޮތަށް، ގަވަމެންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އެންގިކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ނިންމަވައިފި އެވެ.

ދައުލަތުގެ މަސައްކަތައް ހުރަސްއެޅުމުގެ މި ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10.00ގައި ބޭއްވުމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއަޑުއެހުމުގައި ވަނީ އަބްދުﷲ ސައީދާ ދެކޮޅަށް ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގާފަ އެވެ.  

އެ އަޑުއެހުމުގައި ހެކިބަސްދިން އެކަކު ވަނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އެންގެވި ކަމަށް ބުނެފަ އެވެ. އެ އަޑުއެހުމުގައި ހަތަރު މީހަކު ހެކިބަސްދީފައިވެ އެވެ.  

މާދަމާ އޮންނަ އަޑުއެހުމުގައި އަބްދުﷲ ސައީދުގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނަގާނެ ކަމަށް ބެލެވެ އެވެ.  

އަބްދުއްﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރައެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން އުޅުނު ކަމަކަށް ހުރަސްއެޅުމުގެ ދައުވާއެއްވެސް ވަނީ އުފުލާފަ އެވެ. 

އަބްދުﷲ ސައީދުގެ މައްޗަށް ހިންގައި މި ޝަރީއަތުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.  

އަލީ ހަމީދަށް ކުރާ ދައުވާގެ އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10.00ގައި އެވެ. އަދި ފާރިސްގެ މައްސަލައިގެ އަޑުއެހުން އޮންނާނީ މެންދުރު ފަހު 13.00ގައި އެވެ. އެ ދެބޭފުޅުންގެ މައްޗަށް އުފުލާފައިވާ މި ދައުވާއާ ގުޅިގެން އަދި މިހާތަނަށް ބޭއްވީ އިބްތިދާއީ އެންމެ އަޑުއެހުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް