ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 09:36
އޭސީސީގެ ރައީސް ހަސަން ލުތުފީ - އޭނާ ފުލުހުންގެ އިދާރާއަށް ދެއްވި ބަޔާން ވަނީ ލީކުވެފައި
އޭސީސީގެ ރައީސް ހަސަން ލުތުފީ - އޭނާ ފުލުހުންގެ އިދާރާއަށް ދެއްވި ބަޔާން ވަނީ ލީކުވެފައި
އޭސީސީ
އޭސީސީ ލުތުފީ
އޭސީސީގެ ރައީސް ލުތުފީއަށް މަހުލޫފްގެ ދެ ސުވާލެއް!
މަހްލޫފް ކުރައްވާފައިވާ ފުރަތަމަ ސުވާލަކީ، ފްލެޓް ބައްލަވައިގަންނަވަން އުޅުއްވާކަން އެނގޭއިރު އެކަން ތަހުޤީޤ ނުކުރީ ކީއްވެތޯ
ދެ ވަނަ ސުވާލަކަށް ކުރައްވާފައިވަނީ ވެރިކަން ވައްޓާލަން އުޅޭކަން އެނގުނުއިރު، އެކަން ފުލުހުންނަށް ހުށަނޭޅީ ކީއްވެތޯ

އޭސީސީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުޤީޤަށް ދެއްވާފައިވާ ސިއްރު ބަޔާން ލީކުކޮށްލާފައިވާއިރު، އެ ބަޔާނާއި ގުޅިގެން ލުތުފީއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދެ ސުވާލެއް ކުރައްވައިފި އެވެ. 

ފުލުހުންގެ ތަހުޤީޤަށް، ލުތުފީ ދެއްވާފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި ދެ ފަނޑިޔާރުންނާއި، ހަސަން ސައީދު މެލޭޝިޔާއިން ފްލެޓެއް ބައްލަވައިގަންނަވަން އުޅުއްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ ފަނޑިޔާރުން ފްލެޓް ބައްލަވައިގަތުމަށް ފައިސާ ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމުގެ މައުލޫމާތު ވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. 

އެ ނުކުތާ ފާހަގަކޮށް، މަހުލޫފް ލުތުފީއާ ކުރައްވާފައިވާ ފުރަތަމަ ސުވާލަކީ ފްލެޓް ގަންނަކަމާއި، ފްލެޓަށް ފައިސާ ދައްކަނީ ޤާސިމް ކަމަށް ތުހުމަތުކުރެވުނު ކަމަށް ބަޔާނުގައި ވިދާޅުވެފައިވާއިރު، އޭސީސީއިން އެކަން ތަހުޤީޤް ނުކުރީ ކީއްވެތޯ އެވެ. ދެވަނަ ސުވާލެއްގެ ގޮތުން މަހުލޫފް ކުރައްވާފައިވަނީ، ސުޕްރީމް ކޯޓުން ސަރުކާރު ވައްޓާލަން އުޅުނުކަމަށް ޤަބޫލުކުރެވުނުއިރު އެކަން ފުލުހުންގެ އިދާރާއަށް އަދި ރައީސް އަބްދުﷲ ޔާމީނަށް ހުށަނޭޅުއްވީ ކީއްވެތޯ އެވެ. 

ދައުލަތުގެ ސިއްރު ލިޔުމެއްގެ ގޮތުގައި ވަނިކޮށް، ލީކުވެފައިވާ ލުތުފީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން ރޭވުންތަކެއް ރޭވިކަން އެނގިގެން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީ ހަމީދަށާއި ހަސަން ސައީދަށް އިންޒާރު ދެއްވި ކަމަށެވެ.

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހުންނެވީ ހުޅުމާލެ ޝްވެކް ސިނަމާގައި "ޕަދްމާވަތު" ފިލްމު ބެލުމަށް ކަމަށެވެ. ސިނަމާގައި އިންދާ ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ކަމުގެ މެސެޖުތައް ލިބެން ފެށުމުން، އަލީ ހަމީދާއި ހަސަން ސައީދަށް ގުޅޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެބޭފުޅުން ފޯނު ނުނެންގެވި ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ. އަދި އެ ދެ ބޭފުޅުންނަށް ފޮނުއްވެވި މެސެޖަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެވަގުތު ލުތުފީގެ ހިތަށް އެރި ވާހަކަތަކެއް އޭނާގެ ބަޔާނުގައި ލިޔެފައިވެއެވެ. އެގޮތުން، "މިއީ ކޮން ކަމެއް ހެއްޔޭ"، "ތިހާ މުނާފިގު ވާކަށް ނުވާނެއޭ" ބުނެ، އަލީ ހަމީދާއި ހަސަން ސައީދު އަރިހުގައި އެ ވާހަކަތައް ވިދާޅުވާން ބޭނުންފުޅުވި ކަމަށް ލުތުފީގެ ބަޔާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 މެއި 2018 | ހޮނިހިރު 06:45
ރައްޔިތުމީހާ
މިހާ މުނާފިގުވާކައްނުވާނެޔޭ"