ސްކޮޓްލޭންޑުގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރޭންޖާސްގެ ކޯޗުގެ މަގާމާއި ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑް ހަވާލުވެއްޖެއެވެ.
އަންނަ ސީޒަނުން ފެށިގެން ރޭންޖާސްގެ ކޯޗުގެ މަގާމާއި ޖެރާޑް ހަވާލުވާނެކަން އިއުލާންކޮށްފައިވާއިރު އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޖެރާޑްއަކީ މި ސީޒަން ފެށުނުއިރު ފުރަމުން އައީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމެއެވެ. އޭނާ އެ މަގާމު މިހާރު ދޫކޮށްލާފައިވާއިރު ރޭންޖާސްގައި އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ މީގެކުރިން ލިވަޕޫލްއަށް ކުޅުނު ގެރީ މެކްލިސްޓާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކެޕްޓަންކަން ވެސް ކުރި ޖެރާޑް އެ މަގާމާއި ހަވާލުވުމަށްފަހު އެ ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރޭންޖާސްގެ ތާރީހާއި ސަގާފަތަށް އޭނާގެ ހިތުގައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ ކަމަށެވެ. އޭނާ ބުނީ ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވާން ކެތްމަދުވެފައި ހުރި ކަމަށާއި އެ ކްލަބާއެކު ގިނަ ކާމިޔާބުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރޭންޖާސްގެ ޗެއާމަން ޑޭވް ކިންގް ބުނެފައިވަނީ ރޭންޖާސްގެ ކޯޗެއްގެ ގޮތުގައި ޖެރާޑް ހަމަޖެހިގެން ދިޔުމުން ވަރަށް އުފާވެފައިހުރި ކަމަށާއި މަޝްވަރާތައް ފެށުމާއެކު ވެސް ކްލަބަށް އެންމެ ރަނގަޅު ކޯޗަކީ ޖެރާޑްކަން އެނގިގެންދިޔަ ކަމަށެވެ. އެ ކްލަބަށް ކާމިޔާބު ހޯދައިދެވޭނެ ހުނަރާއި ގާބިލްކަން އޭނާގެ ކިބައިގައި އެބަހުރިކަން އެނގިގެންދިޔަ ކަމަށް ކިންގް ބުނެފައިވެއެވެ.
ރޭންޖާސްގެ ކޯޗުގެ މަގާމާއި ހަވާލުވިއިރު އެންމެ ބޮޑަށް ޖެރާޑް ޑިމާންޑް ކޮށްފައިވަނީ ރަނގަޅު ބަޖެޓެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ ސީޒަނުގައި ބާންލީގެ މިޑްފީލްޑަރު ސްކޮޓް އާފީލްޑް އަދި ހަލް ސިޓީގެ ގޯލްކީޕަރު އެލެން މެކްގްރެގޯގެ އިތުރުން މިލްވޯލްގެ ފޯވާޑް ގްރެގޮރީ ލީ ވެސް ފެނިގެންދާނީ ރޭންޖާސްއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްކޮޓިޝް ލީގުގެ ތިންވަނައިގައި ރޭންޖާސް އޮތްއިރު އެ ޓީމަށް ލީގުގައި ބާކީ އަދި ތިން މެޗު އެބައޮތެވެ.