ކ. މާލެ
|
4 މެއި 2018 | ހުކުރު 22:04
އެޓްލެޓިކޯގެ ކުޅުންތެރިން ޑްރެސިން ރޫމްގައި އުފާފާޅުކުރަނީ
އެޓްލެޓިކޯގެ ކުޅުންތެރިން ޑްރެސިން ރޫމްގައި އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޔުރޮޕާ ލީގު
ޔުރޮޕާ ލީގު: އާސެނަލް ކަޓުވާލުމަށްފަހު އެޓްލެޓިކޯ ފައިނަލަށް
އެޓްލެޓިކޯ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދައިގެން
އެޓްލެޓިކޯއިން ވަނީ މި މުބާރާތް މީގެކުރިން ދެ ފަހަރު ކާމިޔާބުކޮށްފައި

ޔުއެފާ ޔުރޮޕާ ލީގުން އާސެނަލް ކަޓުވާލުމަށްފަހު ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ޖާގަ ހޯދައިފިއެވެ.

އެޓްލެޓިކޯ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެޓްލެޓިކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި އާސެނަލްއިން ކުރިމަތިލިއިރު އެ ޓީމުގެ ސްޕެއިންގެ ފަސްގަނޑުގައި އެންމެފަހުން މެޗަކުން މޮޅުވެފައިވަނީ 2006 ވަނަ އަހަރުއެވެ. ފައިނަލްގެ އުއްމީދުގައި ނުކުތް ދެ ޓީމުން ވެސް ފެނިފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެޓްލެޓިކޯގެ ޑިފެންސްގެ ފަރާތުން އާސެނަލްގެ އެޓޭކްތައް ހުއްޓުވަމުން ދިޔައިރު އެ ޓީމުން ދިޔައީ ލިބުނު ފުރުސަތުތަކުގައި އާސެނަލްގެ ގޯލަށް ވެސް ނުރައްކާ ކުރަމުންނެވެ. މި މެޗުގައި ފެނިގެންދިޔައ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްއަށް ލީޑު ނަގައިދިނީ ޑިއޭގޯ ކޮސްޓާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މި ހާފުގައި އާސެނަލްގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު ލީޑު ފުޅާ ކުރުމަށް އެޓްލެޓިކޯއަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ދެ ޓީމުން ކުރެ ޓީމަކަށް މި ހާފުގައި ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

މިއަހަރުގެ ފައިނަލް ވެގެންދާނީ މި މުބާރާތުގައި ފައިނަލުން އެޓްލެޓިކޯ ފެނިގެންދާނެ ތިންވަނަ ފަހަރަށެވެ. ހަމައެހެން މި ސީޒަނުގައި އެ ޓީމު ކުޅުނު 55 މެޗުގެ ތެރެއިން 32 މެޗުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ. މިއީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން ޓީމުތަކަށް ވުރެ އިތުރު އަދަދެކެވެ. އެޓްލެޓިކޯއިން ވަނީ މި މުބާރާތް މީގެކުރިން ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެޓްލެޓިކޯއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ފްރާންސްގެ މާސޭއެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީގައި އޮސްޓްރިއާގެ އެފްސީ ރެޑްބުލް ސަލްޒަބާގް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި ދެ ޓީމު މާސޭގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 އިން އެ ޓީމު ކާމިޔާބުކުރި ނަމަވެސް ރޭ ސަލްޒަބާގްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އެ ޓީމު ވަނީ 2-1 އިން ބަލިވެފައެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ފްރާންސްގެ ލިޔޯންގައި ހުންނަ ގްރޫޕާމާ ސްޓޭޑިއަމްގައެވެ.

- ކޮމެންޓް