ރާއްޖޭގެ 12 އަތޮޅަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދަށެވެ. އެ ދެމެދުގައި ހިމެނޭ 12 އަތޮޅަކަށް ވާރޭވެނޭ ކަމަށް ލަފާކޮށްފައިވާއިރު، އެލާޓް ދެމި އޮންނާނީ މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. ހަތަރު ގަޑިއިރަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މިއަދު ހެނދުނު 8:45 އިން ފެށިގެން 12:00އާ ހަމައަށް 14 އަތޮޅަކަށް ލެޔޯ އެލާޓް ނެރެފައިވެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ޖެހޭނީ ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
މިއީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ހުކުރު ދުވަހު އެލާޓް ނެރުނު ފަސް ވަނަ ފަހަރެވެ. އެގޮތުން ރާއްޖޭގެ ބޮޑު ސަރަހައްދެއް ހިމެނޭ ގޮތަށް ދެ ވައިޓް އެލާޓާއި ތިން ޔެލޯ އެލާޓް ނެރެފައިވެއެވެ.