ހދ. ނޮޅިވަރަމްފަރުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ނޮޅިވަރަމްފަރު ބަނދަރު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ޖޮގިންއަށް ގޮސް އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އަނިޔާވި އަންހެން މީހާ، ހދ. ހުޅުދުއްފުށްޓަށް ގެންގޮސް، އެ ރަށުގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ފިރިމީހާ އަބްދުﷲ ހާރޫން "ރާއްޖެއެމްވީ"އަށް ބުނީ އެކްސިޑެންޓުގައި އަންހެންނުންގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ބޮލުގެ ފުއްކިބައިން ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި ވައަތު ފައިގެ ކުޑަކަޅުވާއާ ދިމާލުން ވެސް ކަފައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އަންހެނުންގެ ގައިގެ އެހެން ތަންތަނުން ވެސް މަށައިގެން ގޮސްފައިވާ ކަަމަށެވެ.
"އަންހެނުންގެ ހާލު މިހާރު ރަނގަޅު. ލިބުނު ޒަހަމްތަކުގައި ބޮލުގެ ނާށިގަނޑަށް ގެއްލުމެއް ލިބިފައިވާކަން އަދި ކަށަވަރެއް ނޫން. ޑޮކްޓަރުން ބެލުމަށްފަހު، ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޔަގީން ވެގެންދާނީ،" ހާރޫން ބުންޏެވެ.
އޭނާ ބުނީ އެ އެކްސިޑެންޓު ހިނގީ ދެމަފިރިން ޖޮގިންއަށް ގޮސް އުޅެނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ފަހަތުން އައިސް އަންހެނުންގެ ގައިގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ހިނގީ އަނދިރި މަގެއްގައި ކަމަށާއި އެކްސިޑެންޓުވިއިރު، ސައިކަލުގެ ހެޑްލައިޓު ވެސް ދިއްލާފައި ނެތް ކަމަށް އޭނާ ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ