ކ. މާލެ
|
4 މެއި 2018 | ހުކުރު 11:44
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އާއި ފަނޑިޔާރު އަލީ ހަމީދު
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓް
ބަންދު ދުވަހެއްގައި ސިއްރު އަޑުއެހުމެއް ބާއްވައި، ސިއްރުން ހެކިބަސް ނަގަން ތައްޔާރުވެއްޖެ
ހައްގުތައް ވަނީ ނިގުޅައިގެންފައި: ވަކީލުން
ޝަރީއަތް ކުރަނީ އާދަޔާ ހިލާފު ބާރު މިނުގައި
ބާރަށް ކުރިއަށް ގެންދަ ނުފޫޒުން ކަމަށް ތުހުމަތުކޮށްފައިވޭ

ހޮނިހިރު ދުވަހު ސިއްރު އަޑުއެހުމެއް ބާއްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ސިއްރު ހެކިބަސް ނަގަން ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެއެވެ.

އެ ދެ ބޭފުޅުންނާ ދެކޮޅަށް ސިއްރު ހެކި ބަސް ނެގުމަށް ނިންމާފައި ވަނީ ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ދައުވާގެ ހުރިހާ އަޑުއެހުމެއްތަނެއް ބާއްވާފައި ވަނީ އާންމުނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ހެނދުނު 10:00ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އުއްތަމަފަނޑިޔާރާއި އަލީ ހަމީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ސިއްރުކޮށްގެން ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އަޑުއެހުމުގައި ސިއްރުން ހެކިބަސް ނަގަން ނިންމާފައި ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް ބެލެވެނީ ސިއްރު ހެކިން ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު އެއީ ދެ ފަނޑިޔާރުން ކަމަށް ބެލެވޭތީ ކަމަށް ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ޝަރީއަތްތަކާ ގުޅޭ ބަޔާންތަކެއް ލީކުވެފައިވާއިރު، އެ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ލީކުވެފައިވާ ބަޔާންތަކުގެ ތެރޭގައި ގާޒީ އާރިފާއި ގާޒީ ހަލީމްގެ ބަޔާން ވެސް ހިމެނެއެވެ. އުއްތަމަފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދެއްވާ ހަމައެކަނި ގާޒީންނަކީ ދެ ބޭފުޅުންނެވެ.

ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުއްތަމަފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށްކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ވެސް ގެއްލޭ ގޮތަށް ކަމަށް ގާނޫނީ ވަކީލު ވިދާޅުވެފައިވެއެވެ.

އެގޮތުން ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިދިނުމަށް ގާނޫނޫއަސާސީން ކަށަވަރުކޮށްދީފައި ވީ ނަމަވެސް، އެ ހައްގުތައް އެ ދެބޭފުޅުންގެ ކިބައި ނިގުޅައިގެންފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

"މިގޮތުން މީގެ ކުރިން ވެސް، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގޭ ޝަރީއަތެއް ތާވަލުކުރެވުނު ވަގުތަށް، އެ މައްސަލައިގެ ވަކީލުން ވަންނަންޖެހޭ އެހެން އަޑުއެހުމެއް ތާވަލު ކުރައްވައި، ކޮންމެވެސް އެއް އަޑުއެހުމަކަށް ވަންނަން ވަކީލުންނަށް މަޖުބޫރު ކުރުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރަށް ވަކީލުންގެ އެހީތެރިކަން ލިބުމުގެ ހައްގު މަހުރޫމުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދިފާއީ ހެކިން ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ނުވާކަން ފާހަގަ ކުރަމެވެ." އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާދަޔާ ޚިލާފު ބާރުމިނުގައި އަޑުއެހުން ކުރިއަށް ގެންދަނީ އިންސާފު ގާއިމުކުރުމުގެ ބަދަލުގައި އެހެން މަގްސަދެއްގައި، އަދި ނުފޫޒުގަދަ ބައެއްގެ ނުފޫޒުން ކަން ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އިޖުރާއަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ވަކީލުން ވަނީ ގޮވާލައިފަ އެވެ. އަދި އެ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ ގޮވައިލި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް