މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ޖެހޭ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުން ކަމަށާއި އެކަމަށްޓަކައި ކުރިއާލާ ތައްޔާރު ވުމަށް ޑރ.އަބްދުﷲ ނިޔާފު އެދިވަޑައިގެންފިއެވެ.
ނިޔާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެންގީ ޖެހޭމީހުންގެ އަދަދު އިތުރު ވަމުންދާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ދުރުކޮށްދޭ ބޭސް ބޭނުންކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
Sharp rise in number of people presenting with Dengue. Please take steps to #StopBreeding and #StopBite to help prevent spread of the potentially life threatening illness. pic.twitter.com/vhlUNn1SWI
— Abdulla Niyaf (@niyaf) May 2, 2018
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ މިމަހުގެ 1 ގައި ޑެންގީ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީއިން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަޔާއި ބޯ އަދި ލޮލުގައި ރިއްސުމާއި، ހަންގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހުމުގެ އަލާމާތްތައް ފެންނަ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުމުގެ އިތުރުން ފެރެސެޓްމޯލް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު، ތިން ދުވަހަށްވުރެ ދިގު މުއްދަތަކަށް ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށްވެސް އެ އޭޖެންސީން ވަނީ އެދިފައެވެ.
މި ހުމަކީ ވަކި ވައްތަރެއްގެ މަދިރިއެއް ފަތުރާ ބައްޔަކަށް ވުމުން، ބަލިން ރައްކާތެރިވުމަށް، ގެޔާއި ގޯތިތެރޭގައި ފެންހަރުލާފައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލައި ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާކުރެވޭ ފަދަ އަންނައުނު ލުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.