އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަތަށް ދިދަ ދިނުމުން އެމްޑީޕީއަކީ ޤައުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާނެ ޕާޓީއެއްކަން ހާމަވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މ.ކުނޫޒްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ މިހާރު ގުޅިފައިވާ އިއްތިހާދުގެ 4 ލީޑަރުން ގުޅިގެން މަސައްކަތް ކުރާއިރު ފެންނާނީ އެންމެ ބޭފުޅެއް ކަމަށާއި ރައީސް ޔާމީން ހުވާކުރެއްވިއިރު ރައީސް މައުމޫނާއި ޤާސިމް އަދި އިމްރާނަކީ ސަރުކާރުގެ ބޭފުޅުންކަމަށެވެ.
މައުސޫމް ވިދާޅުވީ އެމްޑީޕީން 1 އަހަރު ކަޑައްތުކުރީ ސަރުކާރުން ކަންކުރާގޮތް ބަލަން ކަމަށާއި އޭރު ސަރުކާރު ތެރޭގައި ތިބެގެން އަނެއް ލީޑަރުން ގެންދެވީ ހަދާ ގޯސްތަކުގެ ސިގްނަލް ދެމުން ކަމަށެވެ.
"އިމްރާން ވިދާޅުވަމުން ގެންދެވި ތިމަންނާމެން މިވާހަކަ މިދައްކަނީ ވަރަށް އެނގިގެންނޭ. މިހާރު ހައްލު ނުކޮށްފިއްޔާ ވަރަށް ދެރަ ގޮތެއް ވެގެން ހިނގައިދާނެއޭ. މިދައްކަނީ ކާނިވަލެއްގެ ވާހަކައެއް ނޫން. ޤައުމު އޮޔާލާ ދާތީ ކުރާ ކަމެއްގެ ވާހަކަ. އެދުވަހު (މޭޑޭގައި) ޖެހި ތީމް ސޯންގާއެކު ސުލްހަވެރިކަމާއެކު ކުރި މުޒާހަރާގައި މުޅި މާލެ ތޮއްޖައްސާލީ. ރައްޔިތުން ގޮވީ ޑިމޮކްރަސީއާ އެއްގޮތައް މަސައްކަތް ކުރުމަށާއި އަނިޔާވެރިކަމާ ވިޔަފާރިތަކަށް ކުރާ ޖެއްސުން ހުއްޓާލުމަށް." މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ މެޑޭގެ ލީޑަރަކަށް އިމްރާން ހުރީތީ މީހުން ސުވާލުކުރި ކަމަށާއި ސަބަބަކީ އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ލީޑަރަކަށް ހުންނެވި އިމްރާން އެމްޑީޕީއާއެކު މޭޑޭގައި ކުރި މުޒާހަރާގެ ލީޑަރަކަށް ހުންނެވުމުން ކަމަށެވެ.
" އޭގެ ކުރިން އެމްޑީޕީ ސަރުކާރުގައި ޤައުމަށްޓަކައި ކުރި މުޒާހަރާގެ ލީޑަރު އެމްޑީޕީއާއެކު ޤައުމަށްޓަކައި ނުކުމެހުރީ. އެމްޑީޕީގެ ދިދަ އިމްރާން އަތައް ދިނުމުން ދޭހަވަނީ ޤައުމަށްޓަކައި އެމްޑީޕީން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން. ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެކަން" މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭ އައިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ހުންނެވީ ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ކަމަށާއި އެދުވަހު އެންމެންވެސް ދިނީ ސުލްހަވެރިކަމުގެ މެސެޖް ކަމަށެވެ. އެކަމަކު ސަރުކާރުން އެދުވަހު ލީޑަރުން ދެއްކެވި ވާހަކަތައް ނެގީ ޓެރަރިޒަމްގެ ގޮތުގައި ކަމަށާއި އިމްރާން ސުލްހައަށް ގޮވާލާ ދެއްކެވި ވާހަކައާއި ގުޅިގެން އެވަނީ ޓެރަރިސްޓެއްގެ ގޮތުގައި ޖަލަށް ލާފައި ކަމަށެވެ.
މައުސޫމް ވިދާޅުވީ ކުރިމަގަކީ މިސަރުކާރު ބަދަލު ކުރުން ކަމަށާއި ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުންކަމަށެވެ. މިހާރު ޤާނޫން އަސާސީގެ ބާރު ކަނޑުވާލައިފި ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ދެން ގެންނަ ސަރުކާރަކުން ޤާނޫން އަސާސީގެ ބާރު ގެނެސް ރައްޔިތުންނަށް ބާރުތައް ދޭނެކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ.