މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅަން ބޭނުންވާ ކަމަށް ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ހެރީ ކޭން ބުނެފިއެވެ.
އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެރުތު ސައުތުގޭޓް އައްޔަނުކުރެވުނު ފަހުން އެ ޓީމުގެ ކެޕްޓަންކަން އެކި މެޗުތަކުގައި ކުރަމުން އަންނަނީ ތަފާތު ކުޅުންތެރިންނެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިނގިރޭސި ގައުމީ ޓީމުގެ ބޭންޑް އެޅި ކުޅުންތެރިންގެ ތެރޭގައި ވޭން ރޫނީ އާއި ޖޯޑަން ހެންޑަސްންއާއި ގެރީ ކޭހިލް އާއި ޖޯ ހާޓް އަދި އެރިކް ޑަޔާގެ އިތުރުން ހެރީ ކޭން ހިމެނެއެވެ. އެ ކުޅުންތެރިންގެ ތެރެއިން ކޭން ހަތަރު ފަހަރު ބޭންޑް އެޅިއިރު ބެލެވޭ ގޮތުގައި ދާއިމީ ކެޕްޓަނެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ފެނިގެންދާނީ ކޭންއެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޭން ބުނީ ސައުތުގޭޓް ގޮތެއް ނިންމާނެ ކަމަށް ކުޅުންތެރިން ގާތުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން އޭނާ ބޭންޑް ދޭނީ ކޮން ކުޅުންތެރިޔަކަށް ކަމަށް އަދިވެސް ޔަގީނުން ބުނަން ނޭނގޭ ކަމަށެވެ. ކޭން ބުނީ ބޭންޑް ލިބުނަސް ނުވަތަ ނުލިބުނު ނަމަވެސް އޭނާ ޓީމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެހެން ނަމަވެސް ބޭންޑް ލިބުން ވެގެންދާނީ އޭނާއަށް ލިބޭ ބޮޑު ފަހުރަކަށް ކަމަށެވެ.
ކޭން ބުނީ އިނގިރޭސި ގައުމީ ޓީމަކީ އެޓޭކް ކުރާނެ ޓީމެއް ކަމަށާއި އުއްމީދަކީ ގިނަ ލަނޑުތަކެއް ޖެހުން ކަމަށެވެ. އޭގެތެރޭގައި އޭނާގެ ބޮޑު ހިއްސާއެއް ވެސް އޮންނަން ބޭނުންވާ ކަމަށް ކޭން ބުނެފައިވެއެވެ. އޭނާ ބުނީ އަބަދުވެސް ފޯކަސް ދެނީ ޓީމަށް ކަމަށާއި އެހެން ނަމަވެސް ފޯވާޑެއްގެ ހައިސިއްޔަތުން އަބަދުވެސް ރަން ބޫޓު ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް ކޭން ބުނެފައިވެއެވެ.
ރަޝިއާގައި މިއަހަރު އޮންނަ ވޯލްޑް ކަޕަށް އިނގިރޭސި ގައުމީ ޓީމު ކޮލިފައިވިއިރު ކޭން ވަނީ ކޮލިފައިން ބުރުތަކުގައި ފަސް ލަނޑު ޖަހާފައެވެ. މި ލަނޑުތަކާއެކު އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް 12 ލަނޑު ޖަހައިދީފައެވެ. ކޭން ބުނީ ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ކުޅުނު ނަމަވެސް އެއްވެސް ކަމެއް ބަދަލުވެފައިނުވާ ކަމަށާއި މިއީ ޓީމުގެ ކުޅުންތެރިންގެ މަސައްކަތުން ހޯދިފައިވާ ކާމިޔާބެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އޭނާ ބުނީ ރަށުން ބޭރުގައި ސްކޮޓްލޭންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސް ކޮޅަށް ދެ ލަނޑު ޖެހުމުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމަށާއި ވޯލްޑް ކަޕްގައި ކުޅޭ ކޮންމެ މެޗެއްގައި ވެސް ލަނޑު ޖަހަން ބޭނުންވާ ކަމަށެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް ޕެނަމާ އަދި ޓިއުނީޝިއާ އާއެކު ގްރޫޕް ސީގައެވެ. އިނގިރޭސި ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކޭން ވަނީ އެ ގައުމަށް 23 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ އަހަރު ހޮވި އިނގިރޭސިވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ.