ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 17:57
ޑިއޭގޯ ކޮސްޓާ
ޑިއޭގޯ ކޮސްޓާ
ޓްވިޓަރ
ޔުއެފާ ޔުރޮޕާ ލީގު
ކޮސްޓާގެ ނުރައްކަލަށް އާސެނަލް ސަމާލުވާނެ
ފުރަތަމަ ލެގުގެ މެޗުގައި ކޮސްޓާ ކުޅެފައިނުވޭ
ކޮސްޓާއަކީ ޗެލްސީގައި އޭނާ ހޭދަކުރި ދުވަސްވަރުވެސް އާސެނަލް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހާފައިވާ ކުޅުންތެރިޔެއް

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގައި އެ ޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ސަމާލުވާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވިއިރު އެ މެޗުގެ ބޮޑުބައި އެޓްލެޓިކޯއިން ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ. ދެވަނަ ލެގާއި އާސެނަލްއިން ކުރިމަތިލާއިރު އެޓްލެޓިކޯގެ ދަނޑުގައި މޮޅުވުން އެ ޓީމަށް ވަނީ މަޖުބޫރުވެފައެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ކޮސްޓާ ކުޅެފައިނުވާއިރު އޭނާ ވަނީ އަނިޔާއިން އެނބުރި އައިސް ލަލީގާގައި އެޓްލެޓިކޯ އެންމެފަހުން ކުޅުނު މެޗުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ކޮސްޓާއަކީ ޗެލްސީގައި އޭނާ ހޭދަކުރި ދުވަސްވަރުވެސް އާސެނަލް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހާފައިވާ ކުޅުންތެރިޔަކަށްވާއިރު ދެވަނަ ލެގުގައި އޭނާ ތަފާތު ދައްކާނެ ކަމަށް ބެލެވެއެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮސްޓާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވެންގާ ބުނީ މީގެކުރިން ކުޅުނު މެޗުތަކުގައި ވެސް އޭނާ ތަފާތު ދައްކާފައިވާ ކަމަށާއި އޭނާއަކީ ކޮލިޓީ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. ވެންގާ ބުނީ ކޮސްޓާއަށް ލަނޑެއް ޖެހިޔަނުދިނުމަކީ އާސެނަލްގެ ޒިންމާއެއް ކަމަށާއި އެކަން ކުރަން ބޭނުންވާނަމަ އެޓްލެޓިކޯގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެން ޖެހޭ ކަމަށެވެ. މި މެޗުގައި ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި އެގޮތަށް ކުޅުންތެރިން ކަންކަންކޮށްފިނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމަށް ވެންގާ ބުނެފައިވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް މިއަހަރު ފެށުނު ފަހުން ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ޓީމުން އަންނަނީ ޔުއެފާ ޔުރޮޕާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސެމީއަށް އާސެނަލް ދަތުރުކުރީ އިޓަލީގެ އޭސީ މިލާން ވެސް ބަލިކުރުމަށްފަހުއެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވެންގާ ބުނީ ރަށުން ބޭރުގައި ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަކުން މޮޅު ނުވުމަކީ ކަންބޮޑުވުމެއް ކަމަށާއި މިހާރު ބޮޑަށް އިސްކަން ދެވެމުން އަންނަނީ ޔުރޮޕާ ލީގަށް ކަމަށެވެ. އެގޮތުން މި މެޗުގައި ވެސް ވިސްނަން ޖެހޭ ހަމައެކަނި ކަމަކީ ޓީމުގެ ފަރާތުން ފެންނަ ކުޅުން ކަމަށް ވެސް ވެންގާ ބުނެފައިވެއެވެ.

މިއީ ވެންގާ އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރާނެ އެންމެ ފަހު ސީޒަނަށްވާއިރު އޭނާއަށް ތަށްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ ޔުރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. ވެންގާ ބުނީ އޭނާ އަންނަ ސީޒަނުގައި ކުރާނީ ކޮން މަސައްކަތެއްކަން އަދި ނިންމާފައިނުވާ ކަމަށާއި ބޭނުންވާނީ މި ސީޒަން ކާމިޔާބުކަމާއެކު ނިންމާލަން ކަމަށެވެ. އޭނާ ބުނީ ވަޒީފާގައި ދެމިހުންނަހާ ދުވަހަކު ކޮންމެ މީހަކު ވެސް އެ ވަޒީފާއެއްގެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރަން ޖެހޭ ކަމަށާއި އެގޮތަށް އާސެނަލް ވެސް ދޫކޮށްލާނީ ކާމިޔާބާއެކު ކަމަށެވެ.

އާސެނަލް އަދި އެޓްލެޓިކޯ ކުޅޭ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 23:45 ގައެވެ.

- ކޮމެންޓް