ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 15:51
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ފާރިސް އާއި އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު
މިއީ މި މައްސަލައިގައި ބާއްވާ ދެ ވަނަ އަޑުއެހުން
ދެ ބޭފުޅުންނަށްވެސް ވަކީލުން އައްޔަން ކުރަން ވަނީ ފުރުސަތު ދެއްވާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އަލީ ހަމީދަށް ކުރާ ދައުވާގެ އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10.00ގައި އެވެ. އަދި ފާރިސްގެ މައްސަލައިގެ އަޑުއެހުން އޮންނާނީ މެންދުރު ފަހު 13.00ގައި އެވެ.

އެ ދެބޭފުޅުންގެ މައްޗަށް އުފުލާފައިވާ މި ދައުވާއާ ގުޅިގެން އަދި މިހާތަނަށް ބޭއްވީ އިބްތިދާއީ އެންމެ އަޑުއެހުމެކެވެ. ވަކި ވަކިން ކުރިއަށްގެންދާ މި އަޑުއެހުންތަކުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު ރިޝްވަތުގެ ފައިސާގައި ހިއްޕަވައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ހުކުމްތައް ކުރައްވާފައިވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މަސައްކަތަށް ބުރޫ އަރުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

އަދި ވަކި ގޮތަކަށް ކޯޓުން ހުކުމްތައް ނެރެ، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރި ކަމަށް ވެސް އަލީ ހަމީދުގެ މައްޗަށް ކުރި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައި ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހްމަތު ކޮށެވެ. އޭނާ ވަނީ މިދައުވާގެ ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު ޝައްކު ކުރާކަމަށް ވިދާޅުވެފަ އެވެ.

ފާރިސްގެ އިތުރުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް