ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 09:19
ޤާނޫނީ ވަކީލް ޙަސީން
ޤާނޫނީ ވަކީލް ޙަސީން
ސިމާހާ ނަސީމް
ލީކުވި ބަޔާންތައް
ބަޔާން ދެއްވި ގާޒީންގެ ކިބައިން ފަނޑިޔާރުންގެ ސިފަތައް އުނިވޭ: ޙަސީން
ބަޔާނަކީ ތެދަކަށް ވިޔަސް، ދޮގަކަށް ވިޔަސް ގާޒީންގެ ކިބައިން ފަނޑިޔާރުކަމުގެ ސިފަ ގެއްލޭ
ބަޔާންތައް ލީކުވި މައްސަލަދަނީ ބަލަމުން
އުއްތަމަފަނޑިޔާރާއި އަލީ ހަމީދު ހުންނެވީ ޖަލުގައި

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދު ހައްޔަރު ކުރުމަށް ފަހު ތަހުޤީޤުކުރަމުންދާ މައްސަލަތަކަށް ސިއްރުން ދީފައިވާ ބަޔާންތައް ލީކުވި އިރު، ސިއްރުން ބަޔާންތައް ދެއްވި ދަށު ކޯޓުތަކުގެ ގާޒީންގެ ކިބައިން ފަނޑިޔާރު ކަމުގެ ސިފަތައް ގެއްލޭ ކަމަށް ޤާނޫނީ ވަކީލް ޢަބްދުﷲ ޙަސީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ޙަސީން ވިދާޅުވީ އެއްގޮތަކީ ގާޒީން ދިނީ ހަޤީގަތުގައި ވެސް ކަންތައް ހިނގި ގޮތުގެ މައްޗަށް ބިނާކޮށްކަމަށް ވުންކަމަށާއި، އަނެއް ގޮތަކީ އެއީ ދޮގު ބަޔާނަކަށް ވުންކަމަށެވެ. އަދި އެދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް ގާޒީންގެ ކިބައިން ފަނޑިޔާރުކަމުގެ ސިފަތައް ގެއްލޭ ކަމަށް ޙަސީން ވިދާޅުވިއެވެ. ޙަސީން ވިދާޅުވީ ފަނޑިޔާރުންނަކީ ނުފޫޒުން އެއްކިބާވެގެން މަސައްކަތްކުރަން ޖެހޭ ބައެއް ކަމަށާއި، އަދި އަމުދުން ދޮގު ހެކި ދީގެންވާނެ ބައެއް ނޫން ކަމަށެވެ. 

ލީކުވި ބަޔާންތަކުގައި ހިމެނެނީ ސިވިލް ކޯޓުގެ ގާޒީ އާދަމް ހަލީމާއި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ބަޔާނެވެ. ދެ ގާޒީން ވެސް ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު އެންގެވި ގޮތަށް މައްސަލަތައް ނިންމިކަމަށް ވިދާޅުވެފައެވެ. 

ޙަސީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ދަށު ކޯޓުން ނިންމާނަމަ އެއީ ގާޒީން ނުފޫޒެއްގެ ދަށުވުން ކަމަށެވެ. އަދި އެފަދަ ނުފޫޒެއް ނެތީސް ނުފޫޒު އޮތްކަމަށް ވިދާޅުވުމަކީ ދޮގު ހެކި ދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދެގޮތުން ކުރެ ކޮންމެ ގޮތެއް މެދުވެރިވި ނަމަވެސް އެދެގާޒީންގެ ފަނޑިޔާރުކަމުގެ ސިފަ ގެއްލިފައިވާ ކަމަށް ޙަސީން ސިފަކުރެއްވިއެވެ.

މީގެ އިތުރުން މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ފޯނުން ގުޅުއްވައި، އަދި އަމިއްލަ ގޮތުން ދަށު ކޯޓުތަކުގެ މައްސަލަތައް ނިންމަންވީ ގޮތް ވިދާޅު ނުވެވޭނެ ކަމަށާއި، އެއީ ފަނޑިޔާރުންގެ މުސްތަޤިއްލުކަން ގެއްލުން ކަމަށް ޙަސީން ވިދާޅުވިއެވެ. 

ޙަސީން ވިދާޅުވީ ފަނޑިޔާރުގެ މިނިވަން ނުވާ ވާހަކަޔާއި، މައްސަލަތައް ހުރި ވާހަކައިގެ އިތުރުން ފަނޑިޔާރު ގެއަށް ނުފޫޒު ފޯރާފައިވާ ވާހަކައަކީ ޤާނޫނީ ވަކީލުން މިހުރިހާ ދުވަހު ދެއްކި ވާހަކަތައް ކަމަށެވެ. އަދި މިބަޔާންތަކުން ވެސް އެކަން ހާމަވެގެން ހިނގައްޖެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

"ފަނޑިޔާރު ގޭގެ މައްސަލަ ހުރި ވާހަކަ، ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ، ޖުޑީޝަރީ މިނިވަން ނުވާ ވާހަކަ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކުރާ ވާހަކަ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާވާ ވާހަކަ، މިވާހަކަތަކީ އަޅުގަނޑުމެން ދައްކާ ދައްކާ ކޮޅުން ނުލާ ހުރި ވާހަކަތައް. މިވާހަކަ ދައްކައިގެން އަޅުގަނޑުވެސް 2 ފަހަރަކު ސަސްޕެންޑްކުރި،" ޙަސީން ވިދާޅުވިއެވެ. 

ޙަސީން ވިދާޅުވީ ޖިނާޢީ އެހެން މައްސަލަތަކުގައިވެސް ސިއްރު ހެކިންގެ ހެކިބަސް ލީކުވެފައި އެބަހުރިކަމަށާއި، އެއީ ބޮޑު މައްސަލައެއްކަމަށެވެ. 

މީގެ އިތުރުން ބަޔާން ދެއްވި ގާޒީން އެބޭފުޅުންގެ މަސްލަހަތު މިމައްސަލަތަކުގައި އޮއްވައި، މިމައްސަލައިގައި ހިމެނޭ ފަރާތްތަކާއި ދެކޮޅަށް ދަށު ކޯޓުގައި ހިނގާ މައްސަލަތައް ބައްލަވަން ތިއްބެވުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 މެއި 2018 | ބުރާސްފަތި 06:37
އުމަރު
ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ފަރަަތްތަކުން ނެރެން ބުނި ކެންޑިޑޭޓަކު ނުދެއްކުނު !