ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގައިގެން އަމުރު ނެރުނު ކަމަށް އިއުތިރާފުވެފައިވާ ގާޒީން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ޤާނޫން އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އުޅުއްވި ހުސްނުއް ސުއޫދު މިހެން ވިދާޅުވެފައި މިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ބަޔާން ދިން ދެ ގާޒީއެއްގެ ބަޔާންތައް ލީކުވެފައިވާ އިރު އެ ބަޔާންތަކުގައި އެ ދެ ގާޒީން ވެސް، އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަންގައިގެން ވަކި ގޮތަކަށް އަމުރުތައް ނެރެ އަމަލު ކުރި ކަމަށް އެއްބަސްވެފައި ވަނިކޮށެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލީ ހަމީދުގެ އެންގުމާ އެއްގޮތަށް އަމުރު ނެރުނު ގާޒީން އިސްތިއުފާ ދޭން ޖެހޭނެ ކަމަށާއި އެ ގާޒީން ވަޒީފާގައި ދެމި ތިބުމަކީ މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ. އަދި އެމީހުން ފަނޑިޔާރުކަމުގައި ތިބުމުގެ ޝަރުތުވެސް ގެއްލިފައިވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދު ވިދާޅުވީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށާއި އެ މައްސަލަ އޮބުނަ ނުދީ ފިޔަވަޅު އަޅަންދެން މަސައްކަތް ކުރާނަން ކަމަށެވެ.
Those judges who destroyed the integrity of the judiciary by acting on unlawful orders from Ali Hameed must immediately resign. It's immoral for them to remain as judges. We will not rest the matter till due action is taken by JSC against them.
— Husnu Al Suood (@hsuood) May 2, 2018
ލީކުވެފައިވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އަލީ ދީފައިވާ ކަމަށް ބުނާ ބަޔާނެކެވެ. ފުލުހުން ވަނީ އެއީ ހަޤީގީ ބަޔާންތަކެއްކަމަށް އެއްބަސްވެފައެވެ.