ކ. މާލެ
|
2 މެއި 2018 | ބުދަ 21:30
ސެންޓޭ ހެޓްރިކް ހެދުމަށްފަހު އުފާ ފާޅުކުރަނީ
ސެންޓޭ ހެޓްރިކް ހެދުމަށްފަހު އުފާ ފާޅުކުރަނީ
އިމޭޖަސް.އެމްވީ
އޭއެފްސީ ކަޕް 2018
އަބްހާނީ ބަލިކޮށް ކޮލިފައިވުމުގެ ފުރުސަތު ނިއު ބޮޑުކޮށްފި
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުން
މި ދެ ޓީމު ބަންގްލަދޭޝްގައި ކުޅުނު މެޗު ވެސް 1-0 އިން ކާމިޔާބުކުރީ ނިއު
މި މެޗުގައި ސެންޓޭ ހެޓްރިކް ހެދި

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ބޮޑުކޮށްފިއެވެ.  

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ބަންގްލަދޭޝްގައި ކުޅުނު މެޗު ވެސް 1-0 އިން ކާމިޔާބުކުރީ ނިއުއެވެ. މި މެޗުން ބަލިވުމާއެކު އަބްހާނީ ވަނީ މިއަހަރުގެ މުބާރާތުން ކަޓާފައެވެ. މިދިޔަ ހަފްތާގައި ބެންގަލޫރު އަތުން މޮޅުވި މެޗުގައި ކުޅުނު ނިއުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ގެ ބަދަލުގައި މި މެޗުގައި ކުޅެފައިވަނީ ސްޕެއިންގެ ޑިފެންޑަރު ޖޯޖް ގޮތޯރްއެވެ.

ފުރަތަމަ ހާފު ފެށިގެން ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަބްހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ވައްޓާލުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ އަލީ ފާސިރް (ސެންޓޭ) ވަނީ ނިއުއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ވެސް ނިއުއަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް އެ ޓީމުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޮޖިމާއެވެ. މި ލަނޑަށް ފަހު ނިއުއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ސެންޓޭ ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ ނިއުއަށް ލީޑު ފުޅާ ކޮށްދީފައެވެ. ނިއުގެ ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި ޖަހާ ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ދަގަނޑޭ ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ދަގަނޑޭއެވެ. ދަގަނޑޭއަށް ވަނީ މި މެޗުގައި ހެޓްރިކް ހެދުމަށް ވެސް ފުރުސަތު ލިބިގެންގޮސްފައެވެ.

މި މޮޅާއެކު ނިއުއިން ވަނީ ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް