ކ. މާލެ
|
2 މެއި 2018 | ބުދަ 19:32
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފައިނަލް ކުޅުން ވެގެންދާނީ އާދަޔާ ހިލާފް ކާމިޔާބަކަށް: ކްލޮޕް
ލިވަޕޫލްއިން ވަނީ ސެމި ފައިނަލުގެ ފުރަތަމަ ލެގުގައި އިޓަލީގެ ރޯމާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުން ވެގެންދާނީ އާދަޔާ ހިލާފް ކާމިޔާބަކަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ލިވަޕޫލްއިން ވަނީ ސެމި ފައިނަލުގެ ފުރަތަމަ ލެގުގައި އިޓަލީގެ ރޯމާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދާފައިވާއިރު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޯމާގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލޮޕް ބުނީ ފައިނަލްގެ ޖާގައެއް ލިބުން ވެގެންދާނީ އާދަޔާ ހިލާފް ކަމަކަށް ކަމަށެވެ.

އެގޮތުން ކްލޮޕް ބުނެފައިވަނީ ވަރަށް ގިނަ ކަންކަން މިހާތަނަށް ހިނގާފައިވާ ކަމަށާއި ވަރަށް މީހުން ބަލާ ހިތްވާ ޒާތުގެ މެޗުތައް މި ސީޒަނުގައި ފެނިގެންގޮސްފި ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިވީ މުބާރާތް ފެށުމުގެ ކުރިން ބޭއްވި ކޮލިފައިން ބުރުތަކުން ކުރި ހޯދައިގެން ކަމަށާއި މިހާ ހިސާބަށް އާދެވުމަކީ ވެސް ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ މިއީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށާއި ކުޅުންތެރިން ޗެމްޕިއަންސް ލީގު ދެކެނީ ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.

ކްލޮޕް ބުނެފައިވަނީ އޭނާގެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުން ވެގެންދާނީ ލިބޭ އާދަޔާ ހިލާފް ކާމިޔާބަކަށް ކަމަށާއި މުބާރާތުގެ ތަށްޓައް ވިސްނުމުގެ ކުރިން ވިސްނަން ޖެހޭނީ އެހިސާބަށް ވާސިލްވުމަށް ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވުމުން އޭރު ތައްޓާއި މެދު ވިސްނޭނެ ކަމަށާއި އެއީ ސީޒަން ފެށުނުއިރު ކުޅުންތެރިން އުއްމީދުކުރި ހިސާބެއް ވެސް ނޫން ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ފިލިޕޭ ކުޓީނިއޯ ބާސެލޯނާއާ ގުޅުމުގެ ސަބަބުން ލިވަޕޫލްއަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވެގެންދާނެއެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ ފިނި މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ ފަދަ މުހިންމު ކުޅުންތެރިޔަކު ގެއްލުމުން އެކަމުގެ އަސަރު ކުރި ކަމަށާއި އެކަމާއި ކުޅުންތެރިން ނުވިސްނާ ކުޅުންތެރިން ވިސްނާފައިވަނީ ސީޒަނުގައި އިތުރަށް ކުރިޔަށް ދެވޭނެ ގޮތަކާއި މެދު ކަމަށެވެ.

ކްލޮޕް ބުނެފައިވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށާއި އެގޮތުން ބަޔަކު އުއްމީދު ނުކުރާ ފަދަ ނަތީޖާތައް ވެސް ފެނިގެންގޮސްފައިވާ ކަމަށެވެ. އޭނާ ބުނީ އެކަން ކަމަށް ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެއްވެސް ކަމެއް އޭނާގެ ޓީމުގެ އަމިއްލަ ބާރުގައި އޮތް ކަމަށް ނުދެކޭ ކަމަށެވެ.

މިއަހަރުގެ ފައިނަލުން ލިވަޕޫލްއަށް ޖާގަ ލިބުން ވެގެންދާނީ 2007 ވަނަ އަހަރު އޭސީ މިލާން އަތުން ބަލިވި ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުން އެ ޓީމަށް ފުރުސަތު ލިބޭ ފުރަތަމަ ފަހަރަށެވެ.

ރޯމާގެ ދަނޑު ކަމަށްވާ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް