ކ. މާލެ
|
2 މެއި 2018 | ބުދަ 19:19
ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޖެހިޖެހިގެން ތިންވަނަ ފައިނަލަށް ރެއާލް ދަތުރުކޮށްފި
ރެއާލް ފައިނަލަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެން
ދެވަނަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެން

ޔުއެފަ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

ރެއާލް ފައިނަލަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ. މި ދެ ޓީމު ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 އިން ރެއާލް ކާމިޔާބުކުރިއިރު ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނައިން ދެ ޓީމެއް ކުޅޭ މެޗަށްވާއިރު ރޭގެ މެޗު ވެގެންގޮސްފައިވަނީ މި ދެ ޓީމުގެ މެދުގައި ޗެމްޕިއަންސް ލީގުގައި ކުޅެވުނު 26 ވަނަ މެޗަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގެ އުއްމީދުގައި ނުކުތް ދެ ޓީމުން ވެސް މި މެޗަށް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.  

ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޔާންއިންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާންއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ޖޯޝުއާ ކިމިޗްއެވެ. މި ލަނޑާއެކު ރެއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި މާސެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބެންޒޭމާ ވަނީ ލަނޑެއް ޖަހާ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ނަތީޖާ ބަދަލުކުރުމަށް ދެ ޓީމަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައިރު މި ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ރެއާލްއިން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ބަޔާންގެ ކީޕަރުގެ ފަރާތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރެއާލްގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖެހި ބެންޒޭމާއެވެ. މި ލަނޑަށް ފަހު ބަޔާންގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުން ވަނީ ފުލުފުލުގައި ރެއާލްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ފޮނުވާލާފައެވެ. ބަޔާންއަށް މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ޖަހައިދިން ލަނޑާއެކުއެވެ. ރެއާލްގެ ކީޕަރު ކޭލާ ނަވާސްގެ ފަރާތުން ވަނީ މި މެޗުގައި ގިނާ ސޭވްތަކެއް ފެނިގެންގޮސްފައެވެ.

މި މެޗު ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު 152 ވަނަ  މެޗަށެވެ. އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ދެވަނައަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މި މެޗުގައި ޖެހި ދެ ލަނޑާއެކު ބެންޒޭމާ ވެގެންގޮސްފައިވަނީ 54 ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ޒިދާންގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުން ރެއާލް ކަޓުވާލެވިފައެއް ނުވެއެވެ.

މިފަހަރުގެ މުބާރާތް ރެއާލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލާއި ރޯމާއާ ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ ދެ މެޗުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދާ ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް