ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރަން ދެ ދުވަސް ކޯޓުން ދީފި އެވެ.
އަރީފުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިވުމުން އަރީފު ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި ކުރިއަށްދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށެވެ. އެއާކު މައްސަލަ ބައްލަވަން އިންނެވި ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ މި މައްސަލައިގައި ހަ ވަކީލުން އައްޔަން ކޮށްފައިވާކަން ކޯޓަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަކީލުން ކޮބައިތޯ ގާޒީ ސުވާލު ކުރެއްވުމުން އަރީފު ވިދާޅުވީ އޭނާއަކީ ބަންދުގައި ހުންނަ މީހެއް ކަމަށާއި އެމީހުން ވީތަނެއް ނޭނގޭ ކަމަށެވެ. އަދި އެމީހުނަށް އަންގަން ޖެހޭނީ ކޯޓުން ކަމަށް ވިދާޅުވަމުން ގާޒީ ވިދާޅުވީ އޭގެ ތެރެއިން ދެ ވަކީލުންނަށް ކޯޓުން ގުޅުމުން އެމީހުން އައްޔަން ވެފައިވަނީ މުއްދަތުގެ މަރުހަލާފައި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެމީހުން ވަނީ މި މައްސަލައިން ތަނާޒުލުވެފައިކަން ކޯޓަށް އަންގާފައިވާ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް މުއްދަތުގެ މަޖިލީހަށް ވަކިން އައްޔަންވާ އުސޫލެއް ކޯޓުގައި ނުގެން ގުޅޭނެ ކަމަށާއި މީގެ ފަހުން މި މައްސަލައިން ތަނާޒުލުވި ކަމަށް ބުނާ ދެ ވަކީލުން ކޯޓުން މި މައްސަލައިގައި އަރީފު އައްޔަން ކުރައްވަން ބޭނުންވިއަސް ބަލައިނުގަންނާނެ ކަމަށް ގާޒީ ހައިލަމް އެންގެވި އެވެ. އަދި ވިދާޅުވީ އެގޮތަށް ނިންމެވީ އެ މައްސަލައިން ތަނާޒުލުވުމަށް ދެއްކި އުޒުރު ބަލައި ނުގަނެވޭތީ ކަމަށެވެ.
ދެން ތިބި ވަކީލުނަށް ކްރިމިނަލް ކޯޓުން ގުޅަން އުޅުނު ވަކީލުނަށް ނުގުޅޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް މި މައްސަލައިގައި ކޯޓުން ދެން ބަލައިނުގަންނާނެ ވަކީލުންގެ ނަމެއް ގާޒީ ވިދާޅެއްނުވެ އެވެ.
ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އަރީފު ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އެކެއް ފެބްރުއަރީގައި ނެރުނުއަމުރާ ގުޅުވައި، ފުލުހުންގެ ތެރެއިން އޭނާ ބޭނުންވާ ވަކި ބަޔަކު ނަގައި އިތުރު ފުލުހުންތަކާ ކުރިމަތިލުމަށް ދުރާލާއި ރާވާފައި ކަމަށް ދައުލަތުން ތުހްމަތުކޮށްފައިވެ އެވެ. އޭގެ އިތުރުން ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތައް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އަރީފުގެ މައްޗަށް ތުހްމަތުކޮށްފައިވެ އެވެ.