ކ. މާލެ
|
2 މެއި 2018 | ބުދަ 15:17
ފާރިސް މައުމޫން (ކ) އަދި ނަދީމް:
ފާރިސް މައުމޫން (ކ) އަދި ނަދީމް:
ރާއްޖެ އެމްވީ
ނަދީމްގެ ޝަރީއަތް
ނަދީމް އަމަލު ކުރެއްވީ ފާރިސް ދެއްވި އިރުޝާދަށް: ދައުލަތް
ވަކީލަކު އައްޔަން ކުމަށް ނަދީމަށް ދީފައި ވަނީ ދެ ދުވަސް
މެމްބަރުންނާ ގުޅިގެން ނަދީމު މަސައްކަތްތަކެއް ކުރި: ދައުލަތް
ބައެއް ލިޔުންތައް ލިބުނީ ކޯޓަށް ހާޒިރުކުރުމުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އަމަލު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންގެވި ގޮތަށް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ދައުލަތުން އެގޮތަށް ބުނެފައި ވަނީ ނަދީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުމުގަ އެވެ.

ދައުވާ އިއްވަމުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޝަރީއަތް ފަށަން ނިންމާފައިވާ ގަޑިއަށް ވުރެ، ތިން ގަޑިއިރު ފަހުން ފެށި، އެ ޝަރީއަތް ކުރިއަށް ގެންދެވީ ގާޒީ އަހުމަދު ހައިލަމެވެ. ހައިލަމަކީ ސިޔާސީ އިސް ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ޝަރީއަތް ހިންގަވާ ގާޒީއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ނަދީމުގެ މައްޗަށް ދައުލަތުން ދައުވާ އިއްވާ ނިމުމުން، ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބިއްޖެތޯ ގާޒީ ހައިލަމް، ނަދީމާ ސުވާލު ކުރެއްވިއެވެ. ނަދީމް ވިދާޅުވީ ދައުވާއާ ގުޅޭ ބައެއް ލިޔެކިޔުންތައް ލިބިވަޑައިގެންނެވީ ކޯޓަށް ހާޒިރު ކުރުމުން ކަމަށާއި އެ ލިޔެކިޔުންތައް ދިރާސާކޮށް، އަދި ވަކީލަކު އައްޔަން ކުރުމަށް ހަތް ދުވަސް ނޫނީ 10 ދުވަސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ނަދީމަށް ވަކީލަކު އައްޔަން ކުރެއްވުމަށް ގާޒީ ދެއްވެވީ ދެ ދުވަހުގެ މުއްދަތެކެވެ. އެއަށް ފަހު އަޑުއެހުމުން ނިމުނީ ކަމަށް ގާޒީ ނިންމެވި އެވެ.

ނަދީމުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަށް އޭނާގެ އަނބިކަނބަލުން އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަޑައިގެންނެވިއެވެ. އަދި ރައީސް މައުމޫންގެ ދައުރުގައި ވަޒީރުކަން ކުރެއްވި އަދި ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އައްބާސް އިބްރާހިމް ވެސް ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ވަޑައިގެންނެވިއެވެ. ހެނދުނު 10:00ގައި ފަށަން އޮތް ނަދީމްގެ ޝަރީއަތް ފަށާފައި ވަނީ މެންދުރު ފަހު 1:00ގެ ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް