ކ. މާލެ
|
2 މެއި 2018 | ބުދަ 13:41
ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް
ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް
ސަން އޮންލައިން
ލީކުވި ބަޔާންތައް
ލީކުވި ބަޔާން: އާދަމް އާރިފް އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގުމުން
އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އެންގުމަށް ކަމަށް ވިދާޅުވި
މިއީ ފަނޑިޔާރުންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއާއި ކަނޑައެޅިގެން ހިލާފް ކަމެއް

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް އެ ކޯޓުން ނެރުނު ބައެއް އަމުރުތައް ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އެންގުމަށް ކަމަށް ހާމަވެއްޖެއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކާއި ދެކޮޅަށް ދީފައިވާ ބަޔާންތަކެއް ލީކްވެފައިވާއިރު މިކަން ހާމަވެފައިވަނީ ފުލުހުންގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އާދަމް އާރިފް ދީފައިވާ ބަޔާނުންނެވެ.

މި ބަޔާނުގައި ގާޒީ އާރިފް ވިދާޅުވެފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު ހުސައިން އާރިފްއަށް ގުޅުއްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ހިނގަމުން އަންނަ ކަމަށާއި ކްރިމިނަލް ކޯޓުގައި މަޑުކުރެއްވުމަށް އެދިލެއްވި ކަމަށެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގައި މަޑުކުރެއްވުމުގެ ބަދަލުގައި ގެއަށް ވަޑައިގެން ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ހަބަރު ބްރޭކިން ނިއުސްގެ ގޮތުގައި ލިބިލެއްވި ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

އެރޭ 22:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުވި ކަމަށާއި އޭރު އުއްތަމަ ފަނޑިޔާރު ފޯނުން ގުޅުއްވައި އަމުރު ނެރެފައިވަނީ ކޮން ސިޔާސީ ފަރާތްތަކަށްތޯ ބެއްލެވި ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް، އޭރު އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކަމަށް ވިދާޅުވި ކަމަށް އަރީފް ތަހުގީގަށް ދީފައިވާ ބަޔާނުގައިވެއެވެ. އެވަގުތު ސުޕްރީމް ކޯޓުގެ އަމުރާއެކު އެމީހުންގެ މައްޗަށް އަމުރެއް ނެރެ ތަންފީޒްކުރުމުގައި އޮތީ ކޮން ޟަރޫރެއްތޯ ގާޒީ އަލީ ހަމީދު ސުވާލުކުރެއްވި ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ހައްޔަރުކުރުމަށް ހުށަހެޅި ހެކި ހުށަހަޅައިގެން ދެންނެވުނު ފަރާތްތައް ބަންދު ނުކުރެވޭނެ ކަމަށާއި އެމީހުން ދޫކޮށްލަން ޖެހޭ ކަމަށް އަދި އެމީހުންގެ ބަންދުގައި ބެހެއްޓޭނެ އެއްވެސް ޟަރޫރަތެއް ނެތްކަމަށް ވިދާޅުވެ ގާޒީ އަލީ ހަމީދު ފޯނު ކަނޑާލެއްވި ކަމަށް އާރިފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރަކުން ކުރިން ކޯޓުން ނެރެފައިވާ ނަދީމް ހައްޔަރުކުރުމުގެ އަމުރާއި، މުދަލާއި ލިޔެކިޔުމާއި މައުލޫމާތު ހޯދައި ހިފެހެއްޓެމުގެ އަމުރާއި، މެމްބަރުން ސިނާނާއި މެމްބަރުން އިލްހާމް ހައްޔަރުކުރަން ނެރުނު އަމުރު ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ކަމަށް އާރިފް ވިދާޅުވެފައިވެއެވެ. އެ އަމުރުތައް ބާތިލްކުރަން ނިންމީ އެކަން ކުރުމަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ޟަރޫރަތެއް ނެތުމުން ކަމަށް އާރިފް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ މި އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އެންގުމަށް ކަމަށް ވެސް އާރިފް ވިދާޅުވެފައިވެއެވެ.

"ދެންނެވުނު އަމުރުތައް ނެރުމަށް ބާތިލްކުރުމަށް އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެގޮތަށް އެންގުމުން،" އާރިފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓަށް އަމުރު ނެރުނު ކަމަށާއި އެ އަމުރު ނެރެފައިވަނީ އެވަގުތު ޑިއުޓީގައި ހުންނެވި ގާޒީ އަހުމަދު ހައިލަމް ކަމަށް މި ބަޔާނުގައި އާރިފް ވިދާޅުވެފައިވެއެވެ. އެގޮތުން އެ ދުވަހު އުއްތަމަ ފަނޑިޔާރު ގުޅުއްވާ އެ އަމުރު ނެރުއްވީ ކޮން ގާޒީއެއްތޯ އާއި އެ ކީއްވެގެން ނެރުނު އަމުރެއްތޯ ސުވާލުކުރެއްވި ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ އެ އަމުރު ބާތިލްކުރުމަށް އުއްތަމަ ފަނޑިޔާރު އެންގިކަމަށާއި އެހެން ނަމަވެސް އެ އަމުރު ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބަތް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވި ކަމަށް އާރިފްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މި ފޯން ކޯލު އުއްތަމަ ފަނޑިޔާރު ކުރެއްވިއިރު ފަހަތްޕުޅުގައި އަލީ ހަމީދު ވާހަކަ ދެއްކެވި އަޑު އިވިވަޑައިގަތް ކަމަށް ވެސް އާރިފް ވިދާޅުވެފައިވެއެވެ.

އެދުވަހުގެ އިރުއޮއްސުނު ފަހުން ސުޕްރީމް ކޯޓުން ހަސަން ސައީދު ހައްޔަރުކުރުމަށް ނެރުނު އަމުރު ބާތިލް ކުރުމާއެކު އެ މައްސަލައިގެ ފައިލްތައް އެ ކޯޓަށް ފޮނުއްވެވި ކަމަށް ވެސް އާރިފް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ބައެއް މީހުންތައް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލް ކުރުމަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވީ އެ ދެ ބޭފުޅުންގެ އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް އެކަމުގެ އޮވެގެން ނިންމި ނިންމުމެއް ކަމަށް ބެލެވޭނެ ފުރުސަތު މިހާރު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

އާރިފް މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދްގެ އެންގުމަށް އަމުރެއް ނެރުއްވާފައިކަން މި "ސިއްރު" ބަޔާނުގައި ވަނީ އިއުތިރާފްވެވަޑައިގެންފައެވެ. މިއީ ފަނޑިޔާރުންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއާއި  ކަނޑައެޅިގެން ހިލާފް ކަމެކެވެ.

ފުލުހުންގެ ތަހުގީގަށް އާރިފް މިފަދައިން ބަޔާން ދެއްވާފައިވާއިރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް