މަސްވެރިންގެ ދުވަހުގެ މުޒާހަރާއާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ އހ. އިހަވަންދޫ ކައުންސިލް ވެސް ސަސްޕެންޝަނަށް ފަހު މިއަދު އޮފީހަށް ނުކުންނަން ފަށައިފި އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިހަވަންދޫ ކައުންސިލް މެމްބަރުން ސަސްޕެންޑްކުރީ މަސްވެރިން ދުވަހުގެ މުޒާހަރާއާ ގުޅިގެން، ކައުންސިލަރުން ބައިވެރިވެ، ސަރުކާރަށް ދަތި ކުރިކަމަށް ބުނެ ކުރި ތުހުމަތަކާ ގުޅިގެން ނެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ރައްމިއްޔާތު އިހަވަންދޫގައި ބާއްވާފައި ވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އިހަވަންދޫ ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކޮށްފައި ވަނީ މިދިއަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. ސަސްޕެންޑް ކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ކައުންސިލްގެ ތިން މެމްބަރުން އަލުން އޮފީހަށް ނުކުމެވަޑައިގަންނަވަން ފެއްޓެވުމާއެކު އެރަށުގެ ރައްޔިތުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.