ކ. މާލެ
|
2 މެއި 2018 | ބުދަ 10:29
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުލް ސުއޫދު
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުލް ސުއޫދު
ރާއްޖެއެމްވީ
ހާލަތުއްޟަރޫރާ
ޟަރޫރީ ހާލަތް ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނެތް: ސުއޫދު
ގާނޫނު އަސާސީގައި ނެތް ހާލަތެއް ސުޕްރީމް ކޯޓަކަށް ނުގެނެވޭނެ
ކުއްލި ހާލަތު ގެނައީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުމުން
މިހާލަތުގައި ޖެހޭނީ "ހާލަތުއް ޟަރޫރާ" ގެންނާކަށް ނޫން، ޖެހޭނީ ރައީސް އިސްތިއުފާ ދެއްވަން

ހާލަތުއްޟަރޫރާއަކީ ގާނޫނު އަސާސީއަށް ފެތޭ ހާލަތެއް ނޫން ކަމަށާއި ގާނޫނު އަސާސީއާ ޚިލާފުވާން ހުއްދަ ދިނުމުގެ ބާރެއް ސުޕްރީމް ކޯޓަށް ވެސް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީން ގެނެސްދިން ބޮޑު ސުވާލު ޕްރޮގްރާމްގައި ސުއޫދު ވިދާޅުވީ ހާލަތުއްޟަރޫރާ އަކީ ޖިނާއީ ގާނޫނުގައި ބޭނުންކުރާ މަފުހޫމެއް ނޫން ކަމަށެވެ. 

"ދިފާއުގެ ގޮތުގައި ޖިނާއީ ގާނޫނުގައި ބޭނުންކުރާ މަބްދަޢުއެއް އެއީ. އެއީ ދުސްތޫރީ ގާނޫނަކާބެހޭ ކަމެއް ނޫން. ދުސްތޫރީ ގާނޫނުގައި އެ ހާލަތެއް ނާންނާނެ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ސިޔާދަތީ ބާރު ލިބިގެން ވަނީ ދުސްތޫރު ނުވަތަ ގާނޫނު އަސާސީން ކަމަށް ވާއިރު ގާނޫނު އަސާސީގައި އެ އޮންނަ ސިޔާދަތީ ބާރު ކަނޑައަޅާ ދީފައިވާ މިންވަރަށް ނޫނީ، ރައްޔިތުންގެ މަޖިލީހަށްވެސް އަދި ސުޕްރީމް ކޯޓަށްވެސް ނުވަތަ ސަރުކާރު ހިންގާ ފަރާތަށްވެސް އެބާރުގެ ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ބާރެއް ދީފައެއް ނެތް ޟަރޫރީ ހާލަތެއް ގެނައުމުގެ ނުވަތަ ގާނޫނު އަސާސީއާ ޚިލާފުވުމުުގެ، ނުވަތަ އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާ ޚިލާފުވުމުގެ ބާރެއް ގާނޫނުއަސާސީގައި ލިބިދީފައެއް" ސުއޫދު ވިދާޅުިވއެެވެ.

ޟަރޫރީ ހާލަތު އެއީ ގާނޫނުއަސާސީ ދަންނަ މަފުހޫމަކަށް ނުވާއިރު، ގާނޫނުއަސާސީ އުވާލައި ނުވަތަ ގާނޫނު އަސާސީއާ ޚިލާފުވާވުން ހުއްދަކުރާ މިންވަރުގެ ހާލަތެއް މި ގައުމަށް ކުރިމަތި ނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. 

ގައުމަށް ކުއްލި ހާލަތެއް ދިމާވުމުން އޮންނަނީ ގާނޫނު އަސާސީގައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން ކަމަށާއި، އެފަދަ ހާލަތުގައިވެސް ގާނޫނުއަސާސީ ތަން ދޭ މިންވަރަށް ނޫނީ ކަމެއް ނުކުރެވޭނެ ކަަމަށް ސުއޫދު ވިދާޅުވިއެވެ.

ރާއްޖެ އެ އެހާލަތަށް ގޮސްފައި ނުވާކަމަށާއި، ފެބުރުއަރީ 1 ފަހުން ވެސް ގައުމަށް ޟަރޫރީ ހާލަތެއް އައިސްފައި ނުވާ ކަމަށް ސުއޫދު ފާހަގަކުރެއްވެވި އެވެ. 

"ރައީސް ވެސް ވިދާޅުވި ގައުމަކަށް އެހާ ބޮޑުކަމެއް ދިމާނުވެއޭ. މި އުޅެނީ ސުނާމީއެއް އައިސްގެންތޯ، އުޑު ބޯ މައްޗަށް ވެއްޓެނީތޯ، އެފަދަ ކަމެއް ދިމައެއްނުވޭ ދެއްތޯ؟" އޭނާ ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ދިމާވި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ނުކުރެއްވެވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލުން ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. މިފަދަ ކަންކަމުގައި ޟަރޫރީ ހާލަތެއް ނުގެނެވޭނެ ކަމަށާއި، މިފަދަ ހާލަތްތަކަށް އޮންނަ ހައްލަކީ ރައީސުލްޖުމްހޫރިއްޔާ އަވަހަށް އިސްތިއުފާ ދެއްވުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް